ރާއްޖެ ބޮޑު ސަރަހައްދެއްގެ މޫސުން މިއަދުވެސް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެ އާއި އުތުރަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 08:30 އިން މެންދުރުފަހު 02:30 އަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ، ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

"މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނ ޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

ފާއިތުވި 2 ދުވަހު ވެސް މާލެއަށާއި ރާއްޖޭތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވެފައިވެއެވެ. އަދި ބަޔެއް ގޭގެއަށް ފެން ވަދެފައިވެސްވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ވެސް ވަނީ ބައެއް ހާދިސާތައް ހިނގާފައެވެ.