ގއ. ވިލިގިނލިން އިއްޔެ އާއި މިއަދުވެސް ކަރަންޓް ކެޑި ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެއްޖެއެވެ.

ވިލިގިނލިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އިއްޔެވެސް ކަރަންޓް ކެނޑިފައިވާ ކަމަށާއި މިއަދުވެސް ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

"އިއްޔެ 13:00-18:00 ކެނޑިފައިވޭ. މިއަދު 10:00-17:00 އަށް " މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

އޭނާ ބުނީ، އިއްޔެ ރަށުން ކަރަންޓް ކަނޑާލީ ނާންގާ ކަމަށެވެ. ނަމަވެސް މިއަދު ރަށުން ކަރަންޓް ކަނޑާލާފައި ވަނީ އެންގުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ރަށުގެ ގިނަ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ ހޮސްޕިޓަލުގައި އެމަޖެންސީގެ ގޮތުގައި ބޭނުން ކުރަމުން އައި ޖެނެރޭޓަރ ހަލަކުވުން ކަމަށެެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ ހޮސްޕިޓަލުގައި ބޭނުން ކުރަމުން އައި ޖަނެރޭޓަރ ހަލާކުވުން. އެމަޖެންސީ ކަމެއް ދިމާވެއްޖެނަމަ ކުރާނެ އެއްވެސް ކަމެއް ނޯއްނާނެ. ހަމަގައިމުވެސް ވިހަން ކާރި ވެފައިވާ 2-3 އަންހެން ބޭފުޅަކު އެބަ ތިބި." މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުންޏެވެ.

މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިއުން ކަމަށެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ އެންމެ ކައިރީގައި އޮތް ރަށަކަށް ބަލި މީހާ ބަދަލު ކުރަން ނުވަތަ ގެންދަން ތައްޔާރަށް ތިއްބެވި ކަމަށެވެ.

މި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު ހައްލު ކުރަމުން ގެންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެރަށުން ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ކަށަވަރުވެފައެއް ނުވެއެވެ.