މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް މިނިސްްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީ އިން ވިދާޅުވީ ސާފު ކުރުމުގެ މަސައްކަތުގެ އިތުރުން އަލިފާނުގެ އަސަރުކުރި އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީގެ ފަރާތުން ކުރަމުން ދާކަމަށެވެ. ޕްލޭނިން މިނިސްޓްރީ އިން ވިދާޅުވީ އެ ސަރަހައްދު ސާފުކުރުމާއި އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް އަދި ކޮންސްޓްރަކްޝަން ޑެވެލޮޕްމަންޓް ޑިޕާޓްމަންޓުން ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގެ ސަބަބުން 4 ގުދަނަކާއި މީހުން ދިރިއުޅޭ ހަ ގެއަކަށް ވަނީ ގެއްލުންވެފައެވެ. މި ހާދިސާގެ ސަބަބުން އެސަރަހައްދުގެ މަގުތައް ވަނީ ތަގައްޔަރުވެފައެވެ.

ޕްލޭނިން މިނިސްޓްރީގެ އިތުރުން ސިފައިންނާއި ފުލުހުންވެސް އަންނަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.