މިދިޔަ ހުކުރު ދުވަހު މާލޭގެ ހެންވޭރުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ، ހިނގާދިޔަ ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ތެރޭގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ކަށަވަރު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުގައި ސްޕްރިޑެންޓް އޮފް ޕޯލިސް އިސްމާއިލް ނަވީން ވިދާޅުވީ، ޑިޒާސްޓާ މެނޭޖްމެންޓާއި ގުޅިގެން ކަޅުހުރާ މަގުގައި ހުރި ތަނެއް ސާފް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި އަބަދަށްފެހި މަގުގައި ހުރި ތަންތަން ބަލާ ފާސް ކުރުމުގެ ކަންތައްވެސް ކުރެވެމުންދާ ކަަމަށް ނަވީން ވިދާޅުވިއެވެ.

"ހަމައެކަނި ފޮރެންސިލް ތަހުލީލު ތަކުގެ ތެރޭގައި އެތާ އެތެރޭގައި އެހެން ބޯޑީއެއް އޮތްތޯ ބެލުމުގެ މަސައްކަތްވެސް އެބަ ކަށަވަރު ކުރަން. ރަށު ތެރޭގައި އެބަ ދެކެވޭ އެހެން ބައެއް މީހުން މަދުވާ ވާހަކަ އާ. އެކަހަަލަ ވާހަކަވެސް".ނަވީން ވިދާޅުވިއެވެ.

ސްޕްރިޑެންޓް އޮފް ޕޯލިސް އިސްމާއިލް ނަވީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ނަވީން ވިދާޅުވީ، އެކަންތައްވެސް ފުލުހުން ބަލާ ޗެކްކޮށް ކަށަވަރު ކުރުމުގެ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. ނަވީން ވިދާޅުވީ، އިތުރަށް ބަލާ ފާސް ކުރަނީ މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓްއެއް އައިސްގެން ނޫންކަމަށެވެ.

ނަމަވެސް ނަވީން ވިދާޅުވީ، އެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަކީ ގިނަ ބިދޭސީން އުޅޭ ސަރަހައްދަކަށް ވެފައި، ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ރަޖިސްޓްރީ ނުވެ ތިބި މީހުން ކަމުން މިފަދަ މީހުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ނައުން އެކަށީގެންވާތީ އިތުރަށް ބަލަނީ ކަމަށެވެ.

އަލިފާނުގެ އެ ހާދިސާގައި ހަ ގެއަކަށާއި، ހަތަރު ގުދަނަކަށް ގެއްލުން ލިބުނުއިރު، އެ ހާދިސާގައި އަންހެނަކު ވަނީ ނިޔާވެފައެވެ.