މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިޘާއާއި ގުޅިގެން، މިހާތަނަށް އައިއިރު، 274 ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީިފައިވާ ކަމަށް، ޑިޒާސްޓަރ މެނޭޖްމަންޓްގެ ސީއީއޯ ހިސާން ޙަސަން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ، އެ ހާދިޘާއާއި ގުޅޭގޮތުން، މީޑީޔާ ތަކަށް މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މާލޭގައި ހިނގި އަލިފާނުގެ ހާދިޘާއާއި ގުޅިގެން އަޅުގަނޑުމެންވެސް މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މިހާތަނަށް އައިއިރު، 247 ފަރާތަކަށް ވާނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ. މިފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން އަޅުގަނޑުމެން މި ގެންދަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާނެ ވަޞީލަތްތައްވެސް ފޯރުކޮށްދެމުން. އަދި އެކިއެކި ފަރާތްތަކުން އަޅުގަނޑުމެންނަށް އެހީގެ ގޮތުގައި ލިބިފަ ހުރި އެއްޗެހިވެސް ބެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ގެންދަނީ." ހިސާން ވިދާޅުވިއެވެ.

ހަމައެހެންމެ ހިސާން ވިދާޅުވީ، ދަރުބާރުގޭގެ ދޮށިމޭނާ މާލަންވެސް މިހާރު ވަނީ މި މަސައްކަތަށް ލިބިފައި ކަމަށާއި، މި މަސައްކަތުގައި ސްކައުޓުންނާއި، ގާލްގައިޑުން އަދި ވޮލަންޓިއަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

"ޕްލޭނިންގ މިނިސްޓްރީން މި ވަނީ ދަރުބާރުގޭގެ ދޮށިމޭނާ މާލަންވެސް މިވަނީ 7 ދުވަހަށް ދޫކޮށްދެއްވާފަ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ބެހުމުގެ މަސައްކަތް މިހާރު ކުރިއަށް މި ގެންދަނީ. މި މަސައްކަތުގަ ސްކައުޓުންނާއި، ގާލްގައިޑުން އަދި ވޮލަންޓިއަރުންވެސް ހަރަކާތްތެރިވޭ." ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ހާދިޘާ ހިނގިރޭ އެ ސަރަހައްދުގައި ހުރި ގެތަކުން ނެރުނު ގޭސްފުޅިތައްވެސް އޭގެ ހައްޤުވެރިންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"ރައްކާތެރިތަންތަނަށް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ ތިބި ފަރާތްތައް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އެ ހާދިޘާ ހިނގިރޭ އެ ސަރަހައްދުގައި ހުރި ގެތަކުގަ ހުރި ގޭސްފުޅުތައް މިހާރު ހުރީ މަޖީދއްޔާ ސުކޫލުގައްޔާއި ޓޯޔާރޑްގަ ބެހެއްޓިފަ. އެހެންވީމަ، އެ ގޭސްފުޅުތައްވެސް އެތަކެތީގެ ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރެވެމުން އެބަދޭ." ހިސާން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ދިހަ އިމާރާތެއް އަނދާ ހުލިވެ، 500 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    247 ނޭ ؟؟؟؛

  2. Anonymous

    މާލޭހެ ސްކޫލްތަކުގައި ކިޔަވައި އަދި މާލޭހެ އޮފީސްތަކުގައު އުޅޭ ބަޔަކަށް ގުޅާފަ ރަށަށްދާން ބުނުމަކީ ހަޔާތއ ކުޑަ ކަމެއްނޫންތަ ބެޑްޝީޓް ދައިތާ؟