ވައިދުތަކާއި ގާނޫނުތައް ރިވިއުކޮށް، އިސްލާހު ކުރަމުން ދާ އިރު، މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބަންޑާރަ ނައިބު ހުންނެވީ ރޭސިން މުބާރާތެއް ބައްލަވަން ސިންގަޕޫރުގައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ. އެ ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވާ އިސްލާހުތަކެއް އެބިލުގައި އެބަހުރި ކަމަށެވެ.

"ބިލްގައި ދިވެހި ރައްޔިތު މީހާ މަގުމަތީގައި ހިނގާފައި ދާ ގޮތުން އެބަ ހައްޔަރު ކުރޭ. ހައްޔަރުކޮށްފައި ލައިގެން ހުރި އެއްޗެއް ވިއްޔާ އެބަ ބާލާ. މިއީތޯ އޯގާތެރި ސަރުކާރެއްގެ ސިފައަކީ؟" ޝިޔާމް ވިދާޅުވި އެވެ.

ދައުލަތުގެ ބަންޑާރަ ނައިބަށް ފާޑުވިދާޅުވެ ޝިޔާމް ވާހަކަ ދައްކަވާފައިވާއިރު ބޭރުގެ ގައުމުތަކުން ނިންމާ އާބިޓްރޭޝަން މައްސަލަތައް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ނިއު ޔޯކް ކޮންވެންޝަންގައި ސޮއިކުރެއްވުމަށް ރިފްއަތު މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ވެރިރަށް ނިއު ޔޯކަށް ވަޑައިގެންނެވިއެވެ. އެދަތުރުފުޅަށްފަހު ރާއްޖެއައުމުގެ މަގުމަތީގައި ރިފްއަތު ވަނީ ސިންގަޕޫރުގައި މަޑުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޯވަތަން

    ތިކަހަލަ ތާކުންތާކުނުޖެހޭ ނާޤާބިލު މީހުން މަގާމުތަކަށް އިސްކޮއްފަ ތިތިބެނީ. މިކޮޅަށް އަންނައިރަށް މަގާމުން ވަކިކޮއްފަ އިހުލާސްތެރި ކަމެއްްހުރި ޤާބިލު މީހަކަށް ތިކަން ހަވާލުކުރުމަށް އެދެން.