ދިވެހިރާއްޖެ އިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ އިންޑިޔާ އަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އަށް ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، އިންޑިޔާ އަކީ ރާއްޖެއިން އެންމެ ފުރަތަމަ އިސްކަންދޭ ޤައުމު ކަމަށާއި އިންޑިއާގެ މިނިވަންކަމާއި، ކުރިއެރުމާއި، އިންޑިޔާ އަށް އެއްވެސް ވަރަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ދިވެހި ސަރުކާރަކުން ނުކުރާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި އުފެދިގެން އުޅޭ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ ބައެއް ސިޔާސީ ފަރާތްތަކުން އަދި ބޭރު ޤައުމުތަކުގެ ބައެއް ފަރާތްތަކުންވެސް ރާއްޖެއަށް އަސްކަރީ ފަރާތެއްގެ ނުފޫޒު ފޯރުވުމަށްޓަކައި އަދި އެކަމަށް ހިތްވަރު ދިނުމަށްޓަކައި މަސައްކަތް ކުރަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށާއި، މިފަދަ އަޑުތަކާއި ގުޅިގެން ބަދުނާމު ރައްދުވަނީ އިންޑިއާއަށް ކަމަށްވާއިރު، އިންޑިއާ އަކީ މާޒީގައި ދިވެހިރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އެންމެ ގާތްކޮށް މަސައްކަތްކޮށް، އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ، ދިމާވާ އެކި އެކި ކާރިސާތަކުގައި ދިވެހިންނަށް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ، ދިވެހިންގެ އެންމެ ގާތް އެކުވެރިޔާ އަދި ދިވެހިންގެ އެންމެ ގާތް އަވަށްޓެރިންގެ ގޮތުގައި މަސައްކްތަކުރާ އެންމެ އިހްލާސްތެރި، އެންމެ ހެޔޮއެދޭ އެއް ޤައުމު ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރުގެ ގުޅުން ބަދަހި ކަމަށާއި ހަމަ އެގޮތަށް ދެޤައުމުގެ ރައްޔިތުންނާވެސް ގުޅުން ބަދަހި ކަމަށާއި، އިންޑިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

"100 އިން 100 އިންސައްތަ ޔަޤީންކަން އެބައޮތް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

"ދިވެހިންގެ މެދުގައި އިންޑިއާގެ މީހުންގެ މައްޗަށް އޮންނަ އިހްތިރާމް ކުޑަވުން އެކަށީގެންވޭ، އިންޑިއާ ދިވެހިންނާ ދޭތެރޭގައި ކުރާ ޤަދަރު ކުޑަވުން އެއީ ވެދާނެ ކަމެއް، އިންޑިއާއިން ރާއްޖެއަށް ލިބެންހުރި އިންވެސްޓްމަންޓަށް އަސަރު ކޮށްފާނެ، އިންޑިއާގެ ވިޔަފާރިވެރިން ރާއްޖެއައުން މަދުވެދާނެ، ދިވެހިން އިންޑިއާއަށް ގޮސް އުޅުމުގައި އުނގަދޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް." މިހާރު ހިނގަމުން މިދާ ކަންކަމުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް އަސަރުކޮށްފާނެ ކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިބާތުގެ ކަންކަމުގެ ސަބަބުން އާހިރުގައި ނޭދުވޭ އަސަރު ކުރާނީ ދެޤައުމުގެ އާންމު ފަރުދުންނަށް ކަމަށާއި އެހެންކަމުން މިއަށްވުރެ ޒިންމާދާރު ކަމާއެކު ރާއްޖޭގައި އުފެދޭ މިކަހަލަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހާ ނާތަހުޒީބު އެއްވެސް ވަރެއްގެ ބުރަދަނެއް ނެތް ޤައުމުގެ ކަރާމާތާއި އިސްތިޤްލާލަށް ނޭދެވޭ އަސަރު ކޮށްފާނެ ވާހަކަތައް ސޯޝަލް މީޑިއާގައި އަދި އެހެނިހެން ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް ފެތުރުން ވަރަށް ބޮޑަށް ކުއްވެރިކުރަން. ވަކިން ހާއްޞަކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރުވެރިކަން ދިވެހިންނަށް އުފެދޭ ގޮތަކަށް ވާހަކަ ދެއްކުމަކީ އެއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއަކީ ޑިމޮކްރަސީގެ އެންމެ ބޮޑު އެއް ޤައުމަށްވާއިރު، އިންޑިއާ ސަރުކާރަކުން އަދި އިންޑިއާގެ ރައްޔިތުންވެސް ބޭނުންވަނީ ދިވެހިރާއްޖޭގައި މިހާރު އުފެދިފައިއޮތް ސިޔާސީ ހަލަބޮލިކަން ވީހާ އަވަހަކަށް ސުލްހަވެރިކޮށް ހައްލުވެގެން ދިއުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ތެރެއިން ދިވެހި ސަރުކާރު ވައްޓާލައި ގެންނަން އުޅުނު ބަޣާވާތް އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބުވުމާއެކު، އިންޑިއާގެ އަސްކަރިއްޔާ ދިވެހިރާއްޖެ އަރައި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައްތާރު

    އަަިންޑިޔާ އުޅެނީ ވަގުބުޅާ އުޅޭގޮތައް!!! ދެން ދިވެހިރައްޔިތުން ތިޔަ އިންޑިޔާކަށް އިތުބާރެއްނުކުރާނެ! ވެރިކަން ކުރާ ޕާޓީ މެންބަރުންނާއި ނޫސްތަކުން ރާއްޖެ އެރުމަށް ގޮވަގޮވާ ވަރުބަލިވިއިރުވެސް އެކަން ކުއްވެރިނުކުރުމަކީ، އިންޑިޔާ އެކަމަށް ބޭނުންވެފަވާ މިންވަރު ހާމަވެގެންދާކަމެއް!

    • އަޙުމަދު

      ތިބުނީ ރަނގަޅަށް. އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތް ހަމަ. ނުބައިބައެކޭ ފިސާރި.

  2. ގެރި މޮދީ

    ތިވިދާޅުވަނީ ޑިޕޮލޮމެޓިކަލީ އެކަމަކު އިންޑިޔާގެ ނިޔަތް ވަރަށްނުބައި.