ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރު ކުރާ މީހުން ކޯޓަށް ހާޒިރުނުކޮށް 48 ގަޑި އިރު ބަންދުގައި ބައިތިއްބުމާ ދެކޮޅަށް ގިނަ މެމްބަރުންތަކެއް ބަހުސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ވަނީ އެފަދަ ކުށްތަކުގައި ހައްޔަރުކުރާ މީހުން ނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެއް ކަމަށް ވިދާޅުވެ އެ ކަން ބަދަލު ކުރުމަށް ގޮވާއްލައްވާފައެވެ.

ގާނޫނުއަސާސީ އޮންނަ ގޮތުން ހައްޔަރު ކުރާތާ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުން ލާޒިމްވެ އެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައިވާ ގޮތުން ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމަކީ ކުރަން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ އިދާރީ މަސައްކަތެއް ކުރުމަށް އިތުރު 24 ގަޑިއިރު ދިނުމަކީ ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގައި ބިލަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މީހަކު ހައްޔަރު ކުރެވޭނީ އެކަށީގެންވާ ހެކިތައް ހުރެގެން ކަމަށްވީ އިރު، އެ ހެކި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހަޅައި ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން 24 ގަޑިއިރަށް ވުރެ ގިނަ އިރު ފުލުހުންނަށް ލިބޭ ގޮތަށް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ބިލުން ފުލުހުންގެ އިދާރާ އަށް ބޮޑެތި ބާރުތަކެއް ދިނުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތަށް އެކަންވީ ޓެރަރިޒަމްގެ ގާނޫނު މީގެކުރިން ބޭނުން ކުރި ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ފުލުހުންނަށް ބިލްގައި ބުނާ ބާރުތަކެއް ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.