ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަކީ ފަސްމީރު ކުރި ރުކެއް ކަމަށް ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވެއްޖެއެވެ.

ކާނަލް ނަޝީދު މިހެން ވިދާޅުވީ މިހާރު ލ.ގަމުގައި ކުރިއަށްދާ "މިތިބޫ ރައީސް ޔާމީނާއެކު" (މިތިބީ ރައީސް ޔާމީނާއެކު) ޖަލްސާގައި ވަހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، އޭނާ ރައީސް ޔާމީން ސިފަކުރައްވަން ބޭނުންވަނީ އެންމެ ލަފްޒެއް ކަމަށެވެ. "ރައީސް ޔާމީންއަކީ ފަސްމީރު ކުރިރުކެއް" ކަމަށެވެ.

ނަޝީދު ވިދާޅުވީ، ފެހިގާނޫނު އަސާސީން އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އިންތިހާބުގައި ލ.އަތޮޅުގެ ހަތަރު ގޮނޑި ރައީސް ޔާމީންގެ ޕީއޭއަށް ލ.އަތޮޅުން ދެއްވި ކަމަށެވެ. އެއިރުވެސް ހައްދުންމަތި އޮތީ ރައީސް ޔާމީނާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ބަގާވަތުގެ ޙުކުމް ނުކުތް ދުވަހަކީ ގިނަ ބަޔަކު މާޔޫސްވި ދުވަހެއް ކަމަށެވެ.

"އެހެން ނަމަވެސް މިއަދު އެ ހުކުމް ކޮބައިތޯ މީހަކު އަހައިފިނަމަ އަޅުގަނޑު ދަންނަވާނަން އެ ހުކުމް މިހާރު ކަފުންކޮށް އަޅުގަނޑުމެން ވަޅުލައިފީމޭ. އެހެންވީމާ ވަޅުލާފައި އޮތް ހުކުމެއް ތަންފީޒް ކުރަން މަގުމައްޗަށް ނުކުންނާނެކަމެއް ނެތް. އެ ހުކުމް އޮތީ ވަޅުލާފައި. އެ ހުކުމްގެ ޖަނާޒާ އަޅުގަނޑުމެން ބާއްވައިފިން". ނަޝީދު ވިދާޅުވިއެވެ.

އަދުލު އިންސާފް ދާއިރާ ހަރުދަނާ ކުުރުމަށްކަމަށް ބުނެ މީގެ ކުރިން އެމްޑީޕީން ވެސް ވާހަކަދެއްކިއިރު، މި ސަރުކާރު ވެސް އޮތީ އަދު ލު އިންސާފުގެ ދާއިރަ ހަރުދަނާ ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ މީހުންގެ ބައިވެރިވުމާއި ނުލާވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަޑިޔާރުގެތައް ފޮޅާ ސާފުކޮށް އަޅުގަނޑުމެން އެތަންތާ ހުރި ފަނިފަކްސާތައް ނައްތާލާނަން". ނަޝިދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަމުން ނަޝިދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމަށާއި، ރާއްޖޭގައި ތަރައްގީއަށް ފެއްޓިގައިވާ މަސައްކަތްތައް ނިންމޭނީ އިތުރު ދައުރެއް އެމަނިކުފާނަށް ދީގެން ކަމަށެވެ.