މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 24 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް، ހައުސިން މިނިސްޓަރ، އައިމިނަތު އާޠިފާ ވިދާޅުވެއްޖެ އެވެ.

އާޠިފާ މިހެން ވިދާޅުވީ، އެ ހާދިސާއާއި ގުޅޭގޮތުން، މީޑީޔާ ތަކަށް މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ގާތްގަނޑަކަށް 24 ހަކަށް ގެއަށް ގެއްލުން ލިބިފަ ވަނީ. މި ހުރިހާ ގޭގެއިންވެސް ވަނީ މީހުން ހުސްކުރެވިފައި. އެސެސްމަންޓް ނިމުނީމަ އެނގޭނީ އަނބުރާ ވަދެވޭނެ ތަންތަނާ، ތަޅާލަން ޖެހޭ ތަންތަނާ، އަދި އެހެން ގޮތެއް ހަދައިގެން ބަދަލު ގެންނަންޖެހޭ ތަންތަންވެސް. އަޅުގަނޑުމެންގެ އަމާޒަކީ މީގެ ދެވަނަ ފޭސްއަކަށް ފެށިގެން ދާއިރު، މި ހާދިސާއިން ގެއްލުން ލިބުނު ފަރާތްތަކަށް އާއްމު ދިރިއުޅުމަކަށް އަންނަންދެން އެމީހުންނަށް އޯގާތެރިކަމާއި އެކު އެހީތެރިކަން ފޯރުކޮށްދިނުން." އާޠިފާ ވިދާޅުވިއެވެ.

އާޠިފާ ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ބޯހިޔާވަހިކަން ދެވަނަ ފިޔަވައްސަށް ގެންދިއުމަށް މިހާރު ޕްލޭންތައް އެކުލަވާލަމުން ގެންދަވާކަމަށާއި، އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ.

"އެ ފާރާތްތަކުގެ ހާލަތު އަޅުގަނޑުމެން ބަލަމުން ގެންދާނަން. އަދި އިތުރަށް ދެވެން އޮތް އެހީތެރިކަމަކީ ކޮބައިތޯވެސް އަޅުގަނޑުމެން ބަލާނަން. މި ބޭފުޅުންގެ ބޯހިޔާވަހިކަން ދެވަނަ ފިޔަވައްސަށް ގެންދިއުމަށް މިހާރު ޕްލޭންތައް އެކުލަވާލަމުން މި ދަނީ. މިތަންތާނގަ ތިބޭނީ އަމިއްލަ ގެދޮރުގައި ތިއްބެވި ބޭފުޅުން، އަނެއްބައި ބޭފުޅުންނަކީ ކުއްޔަށް ތިއްބެވި ބޭފުޅުން." އާޠިފާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ދިހަ އިމާރާތެއް އަނދާ ހުލިވެ، 500 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާތިފާ

    އާތިފާ އަކީ ކުޅަދާނަ މިނިސްޓަރެއް. މުއިއްޒު މެންނަށް ގޯސް ހެދެނީ ކަންކަން ކުރީމަ. މަހަށް ނުގޮސް ގޭގަ ހުރީމަ ތިލާ އަތުން ބުޅިއެއް ނުކެނޑޭނެ. މީނާއަށް އެކަން ވިސްނޭ.

  2. ޢަބްދުﷲ

    ހެޔޮނުވާނެ! ތިޔަ މީހުން އަށް ހުޅުމާލެއިން ގެދޮރު ދެއްވާ! އަދި ތިޔަ ބިންތައް ސަރުކާރަށް ނަންގަވާ! އަދި "އަބަދަށްފެހި ޕާކް" ހައްދަވާ! މިކަހަލަ ފުރުސަތުގެ ބޭނުންކޮށްގެން މާލެއަށް ލުޔެއް ލިބޭނި...