މަންމަ އަށް ނޭނގި އުމުރުން އެންމެ ހަމަހުގެ ތުއްތު ކުއްޖަކު ގޮވައިގެން އެކުއްޖާގެ ބައްޕަ ފިލިކަމަށް ބުނާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކުއްޖާގެ މަންމަ މިރޭ ވަނީ އޭނާގެ ދަރިފުޅު ގެއްލިގެން ދަރިފުޅާއި ބެހޭ މައުލޫމާތު ހޯދަން ފޭސްބުކް ގްރޫޕްތަކުގައި ޕޯސްޓްތަކެއް ކޮށްފައެވެ.

އެޕޯސްޓްގައި ކުއްޖާގެ ފޮޓޯއަކާއި އެކު އެކުއްޖާ އާއި ފެނިއްޖެނަމަ ނަމްބަރަކަށް ގުޅުމަށް އެދި ނަމްބަރެއް ޖަހާފައިވެއެވެ. ނަމަވެސް އެނަމްބަރަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

އެ އަންހެން މީހާ މީިޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި، އެ ކުއްޖާގެ ބައްޕަ މަންމައަށް، ނާންގާ ދަރިފުޅު ގެންގޮސް ފޮރުވައިގެން އުޅޭކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ހަމަހުގެ ކުއްޖަކާ ގުޅޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

"މަންމައަށް ނޭނގި ހަމަހުގެ ކުއްޖަކު ގޮވައިގެން ބައްޕައަކު ފިލިކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން. މިހާރު އެކުއްޖާ ވަނީ ރައްކާތެރި މާހައުލެއްގައި". ފުލުހުން މިރޭ ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ވެސް ވަނީ ކުޑަކުއްޖަކާއި ގުޅޭ މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އެމިނިސްޓްރީން ނުދެއްވިއެވެ.