މާލޭގެ ތާރީޙުގައިވެސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި 6 ގެއަކާއި 4 ގުދަނެއް އަނދާފައި ވާއިރު، 24 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ނަމަވެސް އެކަން ހިނގި ސަރަހައްދުން ބައެއް ހުޅުވާލަން ފުލުހުން މިހާރު ވަނީ ނިންމައިފިއެވެ.

ހުކުރު ދުވަހު ހިނގި ހާދިސާ އަށް ފަހު އެތައް ސަތޭކަ ރައްޔިތުންތަކެއް ހާލުގައި ޖެހި، ވަގުތީ ހިޔާގައި އުޅެމުން އަންނައިރު ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރުދުންނަށް އެ ސަރަހައްދުން ބައެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރަހައްދުން އާއްމުން ވަނުން އަދިވެސް އޮތީ މަނާ ކޮށްފައެވެ.

އެ ސަރަހައްދަށް ވަދެވޭނެ ގޮތާއި ހުއްދަ ކޮށްފައިވާ ފަރާތްތައް

މަތީގައިވާ ޗާޓުން އެ ސަރަހައްދަށް ވަދެނޭނެ ގޮތް ބަޔާންކޮށްފައި ވާއިރު، އޮރެންޖު ކުލައިން ފާހަގަކޮށްފައި އެވަނީ އެ ސަރަހައްދުގައި ހުރި ގެތަކުގެ ވެރިފަރާތްތަކާއި ދިރިއުޅޭ މީހުންނަށް ވަނުން ހުއްދަކޮށްފައިވާ ސަރަހައްދެވެ. އަދި ރަތް ކުލައިގައި އެވަނީ އާއްމު ރައްޔިތުންނާއި ދުއްވާ އުޅަނދުފަހަރު ވަނުން މަނާ ސަރަހައްދެވެ.

އަލިފާން ހިނގި ސަރަހައްދު އާއްމުންނަށް ބަންދު ކޮށްފައި މިވަނީ އެތަން އަދިވެސް އާއްމުންނަށް ރައްކާތެރި ނުވުމުގެ ސަބަބުންނާއި ފުލުހުންނާއި، ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ މަސައްކަތްތައް ހުރުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެކަން ހިނގި ހިސާބުން އެނދި ގެއެއް ވަނީ މިރޭގެ ވަގުތެއްގައި އަރިއަޅާލާފައިކަން ފާހަގަކޮށްލެވެއެވެ. މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލައިލާއިރު، އެ ގެ ހުރީ ކައިރީ ހުރި އެހެން ގެއެއްގައި މިހާރު ޖެހިފައެވެ.