ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ތޫފާނެއް އުފެދި ބާރުގަދަވާން ފަށައިފިއެވެ.

މި ތޫފާނަށް "ހިކާ"ގެ ނަމުން ނަންދީފައިވާއިރު، މިއީ ރާއްޖެއިން ދީފައިވާ ދިވެހި ނަމެކެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވީ، ތޫފާ ހިކާ އަކީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑެއް ބާރުގަދަވެގެން އުފެދުނު ތޫފާނެއް ކަމަށެވެ.

މި ތޫފާނުގައި އެވްރެޖުގޮތެއްގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ކުރިޔަށް އޮތް 24 ގަޑިއިރުތެރޭ މި ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި މި ތޫފާން ހުޅަނގަށް ޖެހި އޮމާންގެ އައްސޭރިއާއި ދިމާލަށް ދަތުރުކުރާނެ ކަމަށެވެ.

ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އަރަބި ކަނޑުގައި ތޫފާނެއް އުފެދި ބާރުގަދަވަމުން ދާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. އެގޮތުން ދެކުނުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މީގެ ކުރިންވެސް އަރަބި ކަނޑުގައި އުފެދުނު ތޫފާނެއްގެ އަސަރު ރާއްޖެއަށް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާދަންބެ

    ނުލަފާމީހުން އުޅޭހިސާބުތަކަށް ބޮޑައްގެއްލުންވާނެ ގއ ގދ އައްޑޫ މީހުންވާހަކަ މިދުނިޔެ މަތީގަ ނުދެއްކުން ރަނގަޅޔވާނީ ކޮށްފަ ނުކުރާނެ ކަމެތް އެމީހުން ނޯންނާނެ

    11
    6