މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރާގައި ފ. ނިލަންދޫގައި ފެންބޮޑުވުމުގެ ސަބަބުން 8 ގެއަކަށް ފެންވަދެ، ވެލި ބަސްތާ ޖަހަން ޖެހިއްޖެއެވެ.

ނިލަންދޫ ކައުންސިލަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ، އިއްޔަ މެންދުރު ދޭއް އިން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް އެރަށަށް ވާރޭ ވެހެމުން ދާކަމަށެވެ.

"އިއްޔަ މެންދުރު 2ކުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރެވެހެމުންދޭ. މުޅި ރަށުގައި ފެންބޮޑުވެ ގޭގެޔަށް ފެން ވަންނަން ފެށުމުން 8 މިހާތަނަށް ގެޔެއްގައި ވެލި ބަސްތާ ޖެހިއްޖެ. މި މަސައްކަތަށް ކައުންސިލް ޕިކަޕް ނެރުމުންވެސް ދުއްވޭ ވަރެއް ނުވި. އެއީ ޕިކަޕު ސައިލެންސަރަށް ފެންވަދެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން." ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވީ، މި ވިއްސާރާގައި އެއްވެސް ގެއެއްގެ މުދަލަށް ގެއްލުން ލިބިގެން މިހާތަނަކަށް ރިޕޯޓް ކޮށްފައިނުވާ ކަމަށެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރާ ކުރާނެ ދުވަސްކޮޅެއް ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަމާލުވެލެއްވުމަށްވެސް އެބޭފުޅުން ވަނީ އިއުތިމާސް ކުރައްވާފައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާއިރު، ސަލާމަތީ ފިޔަވަޅު އަޅުއްވައިގެން ލައިފްޖެކެޓް ހިއްޕަވައިގެން ދަތުރު ކުރުމަށް ހަނދާންކޮށްދެމެވެ.