މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާގައި ހުސްކަމެއް އުފެދިފައި އެބަ އޮތް ކަމަށާއި، އަދި މި ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމަޢުއަށް ނެރެވިގެން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީސީ)ގެ ފަރާތުން މި މަހުގެ 23ން 27ށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކުރާ "ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫ.އެން.އޯ.ޑީ.ސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް" ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ޢާންމު ޞިއްޙަތަށް ބޮޑު އަސަރެއް ފޯރާ ކަމަށާއި، އެ ގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ކުރާ ނުރަނގަޅު އަސަރު ކުރާ ކަމަށެވެ.

އަދި މީގެ އިތުރުން ޒުވާނުން ކަންކަމުގައި ވިސްނާ ފިކުރުކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައްޔާއި ކަންކަމުގައި ޢަމަލުކުރާ ހަލުވި މިނަށް ބަދަލު އައިސް، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

އެހެން ކަމުން، މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާޢީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި، އެ ގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިފައިވާ ކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަކީ މި ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރއަށް ވެސް ހުޅުވައިލުން ކަމަށާއި، އެ ކަމުގެ ސަބަބުން މިހާރު ފަރުވާ ހޯދުމަށް އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    މި އަޅެ ފަހެ ނޫސް ތަކަށް އަރަން އުޅޭ މީހެއްތަ؟ ބާ ބެޑްޝީޓެއް ނެތްތަ؟

  2. ހގަ

    ބޭކާރު ވާހަކަ ނުދައްކާ ނިކަން ކަން ކުރެވޭތޯ ބަލާބަ. މުޅިގައުމުގަ މަސްތުވާތަކެތި. ބަނގުރާ. ހަށިވިއްކުން. ލޫޓުވުން. މަގުފޭރުން. ވައްކަން ކުރުން. ޓެރަރިޒަމް.