މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ކަންކަން ހޯމް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގަމުން އަންނައިެު، މި ތަހުގީގުގެ އެންމެހާ ކަންކަން ހޯމް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެެވެ.

"‏ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް އިލްތިމާސް ކުރަން"، އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއް ކަމަށް ނުބެލެވޭކަމަށް ފުލުހުން މިހާތަނަށް ހިންގި ތަހުގީގުން އެނގޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާގައި ހަތަރު ގުދަނަކާއި، ހަ ގެއަކަށް ގެއްލުންވިއިރު، އެކަކު ވަނީ ނިޔާވެފައެވެ.