ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ އެއްވުމުގައި ބައިވެރިވާން ބިދޭސީންނަށް ބާރު އަޅަމުންދާ ކަމުގެ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށެވެ.

އެފަދަ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވުމަކީ އެ ފަރާތްތަކަށް ވިސާ ދޫކުރުމުގެ ޝަރުތުތަކާ ހިލާފުވުން ކަމަށާއި އެހެންކަމުން އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބިދޭސީންނަށް ޒިންމާވާ ކުންފުނިތަކުން ވެސް ކުރާ އިމިގްރޭޝަންގެ ގާނޫނާއި ގަވައިދުތަކަށް އިހްތިރާމް ކުރުމަށް ބިދޭސީންނަށް ބާރު އެޅުމަށް ވެސް އިމިގްރޭޝަނުން ވަނީ ގޮވާލާފައެވެ.

އިމިގްރޭޝަންގެ މި ބަޔާނުގައި ވަނީ ގާނޫނާ ހިލާފުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެއްޖެނަމަ ހަރުކަށި ފިޔަވަޅު އެ ފަރާތަކާ މެދު ވެސް އަދި އަދި އެފަދަ ހަރަކާތެއްގައި ބައިވެރިވުމަށް ބާރު އަޅާ ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި އެއްވުމެއް ބައްވަން ތައްޔާރުވަމުންދާއިރު އެ އެއްވުމުގެ ތެރެއިން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މަޢުލުމާތު ލިބިފައިވާކަން ފުލުހުން ވަނީ އިއްޔެ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު