މަރާލާފާއިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިހުމާލުވެފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމެޓީ (ކޮމެޓީ 241) އަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ހާޒިރުކުރުމަށް ނިންމައިފިއެވެ.

ރިލްވާން ގެއްލުވާލައިފައިވާ މައްސަލަ ކޮމެޓީ 241 އިން އަންނަނީ ބަލަމުންނެވެ. މިދު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ވަނީ ރިލްވާން މައްސަލައިގައި ފުލުހުން އިހުމާލު ވެފައިވޭތޯ ބެލުމަށް އެންއައިސީގެ އިސްވެރިން ކޮމެޓީ 241އަށް ހާޒިރުކުރުމަށް ނިންމައިފައެވެ.

އެންއައިސީ އިން މިހާތަނަށް ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި މިހާތަނަށް ފުލުހުން އިހުމާލުވެފައި ވާކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ފެނފައި ނުވާކަމަށެވެ. އަދި 2014 ވަނަ އަހަރު ރިލްވާނުގެ އާއިލާއިން އެ މައްސަލައިފައި ފުލުހުންގެ އިހުމާލެއް އޮތްކަމަށްބުނެ ހުށަހަޅައިފައިވާ މައްސަލައިގެ ޖަވާބުގައިވެސް އެންއައިސީ އިން ވަނީ ފުލުހުންގެ އެއްވެސް އިހުމާލެއް އެ މައްސަލައިގައި ނެތްކަމަށް ވިދާޅުވެފައެވެ. ރިލްވާނުގެ އާއިލާއިން 2014 ވަނަ އަހަރު ހުށަހަޅައިފައިވާ މައްސަލައިގައި ޖަވާބެއް ދީފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެ ޖަވާބުގައި ބުނެފައި ވަނީ އެކަމުގައި ފުލުހުންނާ ދެކޮޅަށް ހެއްކެއް ހޯދިފައި ނުވާކަމަށެވެ.

އެހެން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގެއްލުވާލައިިފައި އަދި މަރާލެވިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ އެކަމުގައި ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކާއި އަދ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރ ގެ އިހުމާލެއް ވާކަމަށެވެ.

އެގޮތުން ރިލްވާނު ސީރިއާ އަށް ގޮސްފައިވާކަމުގެ ހެކި ދެއްކުމަށް އެފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށް ވެސް މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ ދެ ފުލުހުންނާ މެދު ވަނީ މި މައްސަލައިގެ ސަބަބުން ފިޔަވަޅުވެސް އަޅައިފައެވެ.