ރާއްޖޭގައި ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތްކުރާ ބައެއް ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި ސަޕްލައިކުރުމާއި އޮޑިދޯނި ފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ. އަދި މިހާރު ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ސަރަޙައްދުތަކުގެ ޙާލަތު ހުރިގޮތާއި މިހާރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

އެސްޓީއޯއާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ އިތުރުން ޕޯޓްސް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، މިހާރު މާލެ ސަރަޙައްދުގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި މިހާރުން މިހާރަށް ރަނގަޅުކުރަންހުރި ކަންކަމާއި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ހައިޞިއްޔަތުން ކަންކަން ރަނގަޅުކޮށް ހަރުދަނާކުރުމަށް އެފަރާތްތަކަށް އަދާކުރެވިދާނެ ދައުރު އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައީބް ރައީސް ވަނީ މިހާރު މާލޭގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ބައެއް ސަރަޙައްދުތަކުގެ އިންތިޒާމުތައް ރަނގަޅުކޮށް ކަންކަން ހަރުދަނާކުރުމަށް މިހާރުން މިހާރަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް އެބޭފުޅުންނާއި ޙިއްޞާކުރައްވާފައެވެ.

އަދި އުޅަނދުފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކައިރި މުސްތަޤުބަލެއްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ވީހާވެސް ދުރަށް ބަދަލުކުރުމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކޮށްދެއްވައި މިހާރުން މިހާރަށްވެސް އުޅަނދުފަހަރަށް ތެޔޮއެޅުމާއި ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި މޮނިޓަރކޮށް ކަންކަން ހަރުދަނާކުރުމަށް ބައެއް ކަހަލަ ބަދަލުތައް ގެންނަވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަވާރު

    ތިއޮތީ ބިޔަ ބޮޑު މަހާސިންތާއެއް އުތަ. ދެމީހުންނާ ފަޅި... ތެޔޮ ސަޕްލައިކުރާ މީހުންވެސް ބައްދަލުވުމަށް ނުދިޔައީ ބައްދަލުވުމުން އެއްވެސް ނަތީޖާއެއް ނުނެރެވޭނެކަން އެނގޭތީ ފޫހިވެގެން.