މި ހިނގާ 2018 ވަނަ އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި ދެ ބިލިއަން ނޫނީ ތިން ބިލިއަނަށް ތިރިވާނެކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ މިހާރު ލ.ގަމުގައި ކުރިއަށްދާ "މިތިބޫ ރައީސް ޔާމީނާއެކު" (މިތިބީ ރައީސް ޔާމީނާއެކު) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާޒް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަަމަށް އައިރު މި ގައުމު އޮތީ ވަރަށް ދަތި އުނދަގޫ ކަންތައްގަނޑެއްގެ ތެރޭގައި ކަަމަށެވެ.

"ރައީސް ޔާމީން މި ގައުމާއި ހަވާލުވީ 29 ބިލިއަންގެ ދަރަންޏަކާއެކު. އެހެން ނަމަވެސް މިއަދު ކިހިނެއްތޯ. އަޅުގަނޑުމެންގެ ބަޖެޓު އަރަނި ބަޖެޓަކަށް ހެއްދެވުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތުން ﷲ އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި ދައުލަތުގެ ދަރަނި ކުޑަވެގެންދާނީ ދެ ބިލިއަނާއި ތިން ބިލިއަނާއި ދޭތެރޭގެ އަދަދަކަށް" ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔަމީން ލޯން ނަންގަަވާ ވާހަކަދައްކާ ކަމަށާއި، އެމަނިކުފާނު ލޯން ނަންގަވައިގެން ކުރައްވަނީ ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އެ ލޯންތަކަކީ ކުރީގެ ސަރުކާރުތަކުން ނެގި ގޮތަށް އެއް އަހަރު ދައްކާ ހަލާސް ކުރަން ޖެހޭ ލޯންތަކެއް ނޫންކަމަށާއި، އެ ލޯންތަކަކީ ދިގު މުއްދަތަކަށް ނެގި ލޯންތަކެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"20 އަހަރު 25 އަހަރަށް ދެމިގެންދާ ގޮތަށް ނަންގަވާފައި ހުރި ބޮޑެތި ދިގު މުއްދަތަށް ނަންގަވާފައި ހުރި ލޯންތަކެއް އެއީ" ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ދެއްވަމުން ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ލ.އަތޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައި ވަނީ މިއަދަކު ނޫން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނު އެ މަސައްކަތް ފައްޓަވާފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އެހެންކަމުން މި އަތޮޅުގެ ތަރައްގީ ގާއިމް ކުރަން ބޭނުންވެއްޖެކަމުގައި ވަންޏާ 2018ގައި ރައީސް ޔާމީން އިންތިހާބް ކުރުމަށް ތިބޭފުޅުން މިހާރު ތި ކުރައްވާ މަސައްކަތަށް ވުރެ އެތައް ގުނަ މަސައްކަތްތަކެއް ތިބޭފުޅުން ކުރައްވަން އެބަ ޖެހޭ. އެއީ ތަރައްޖީ ކަށަވަރުކުރުމަށްޓަކައި". ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ނުކުރެވޭ ވަރުގެ މަސައްކަތްތައް ރައީސްގެ އަނބިކަބަލުން ކުރައްވަމުންގެންދަވާ ކަަމަށެވެ. އެކަމަނާ ކުރައްވަމުންގެންދަވާ މަސައްކަތްތަަކަކީ މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމުގެ މަސައްކަތްކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަކީމު

    ކިތަންމެވަރަކަށް ސަނާކިޔަސް ވޯޓުނުދޭނަން. ދެ ބިލްޑިންގ އާއި ކަންމަތީ އުނދޯއްޔަކާ މާގަހެއް އިންދުމަށް ތަރައްޤީއޭ ކިޔާނީ ކަލޭމެން އެކަނި.