މިނިސްޓަރު ޠާރިގު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: މުހައްމަދު އަރީހް
މިނިސްޓަރު ޠާރިގު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: މުހައްމަދު އަރީހް

ރައްޔިތުންގެ އުއްމީދުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުލަ ޖައްސަވައިދެއްވައިފި ކަމަށް އެންވާރްމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޠާރިގު މިހެން ވިދާޅުވީ ހައްދުއްމަތީ ގަމުގައި މިހާރު ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޠާރިގު ވިދާޅުވީ ރައީސް ޔާމީން ސަރުކާރާއި ހަވާލުވި އިރު ނަރުދަމާ އެޅިފައި އޮތީ މާލެ ވެސް ހިމެނޭ ގޮތައް 31 ރަށުގައި ކަމަށެވެ. ނަމަވެސް "ރައީސް ޔާމީންގެ ސަރުކާރުގައި 21 ރަށުގައި ނަރުދަމާ އަޅާ ނިމިއްޖެ. 44 ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން އެބަދޭ. މިއަހަރު ނިމޭއިރު އާބާދީގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ނަރުދަމާ އަޅާނެ" މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ފެނުގެ ނިޒާމް ގާއިމް ކުރެވިފައި އޮތީ މާލެ ހިމެނޭ ގޮތައް ހަރަށުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. "މިހާރު 21 ރަށުގައި ރައީސް ޔާމީން ފެނުގެ ނިޒާމް ގާއިމް ކުރައްވައިފި. އިތުރު 25 ރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ." މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ ރައީސް ނަޝީދަށް ކުރެވުނު ކަމަކީ ރޭޑިއޯ ހިޠާބެއް ދެއްވުމާއި ޒުވާނުންގެ ކުރިމަގު ބަނަކޮށްލުމާއި އިޤުތިޞާދު ހަލާކު ކޮށްލުމާއި ގައުމު ވިއްކާލުން ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ގައުމުގެ އިޤުތިޞާދު ރަނގަޅު ކޮށްދެއްވައިފި ކަމަށާއި އެމަނިކުފާނަކީ ޒުވާނުންގެ އުއްމީދުގެ ހުޅުކޮޅު ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު