މާޒީގެ ސަރުކާރުތަކުން ހައްދުންމައްޗާއި މެދު އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ލ.ގަމުގައި ކުރިއަށްދާ "މިތިބޫ ރައީސް ޔާމީނާއެކު" (މިތިބީ ރައީސް ޔާމީނާއެކު) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ، މާޒީގައި ކޮންމެ ވެރިއަކުވެސް ހައްދުއްމަތީ ރައްޔިތުންނަށް ދެއްކީ ހުވަފެން ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ހައްދުންމަތި ތަރައްގީ ކޮށްދެއްވާފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވެރިކަަމަށް ގެނައީ ވަރަށް ފޮނި އުއްމީދުތަކާއި އެކުގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަސައްކަތުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރި އަތޮޅެއް. އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ ހައްދުންމަތީ ރައްޔިތުން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް މުޅި ރާއްޖެއިން އިންސަައްތައަށް ބަލާފިކަމުގައި ވަނީނަމަ ތިން ވަނައަށް އެންމެ މަތީ އިންސައްތައެއް ހޯދައިދިނީ ހައްދުއްމަތިން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އަތޮޅަކުން ރައީސް ޔާމީނަށް އެންމެ ބޮޑު އިންސައްތައެއް އަރުވާނީ މި ފަހުރުވެރި ހައްދުންމަތިން". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ހައްދުންމަތީގެ ރައްޔިތުން ރައީސް ޔާމީނާއެކު ނުކުމެވަޑައިގަތީ އެމަނިކުފާނު ވެރިކަމަށް އައުމުން އެކަނި ނޫން ކަަމަށެވެ.

"ދިވެހިރާއްޖެއަށް އައި ވަރަށް ނާޒުކު ދަޑިވަޅެއް އާދެ 2008 ވަނަ އަހަރު މި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބް އެމްޑީޕީން ކާމިޔާބުކޮށް ދިވެހި ރައްޔިތުންގެ މިނިވަންކަން ނަގާލާ ދިވެހިރާއްޖޭގެ އިސްލާމްދީން ފުނޑާލާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބިރުވެރިކަމަކާއި ކުރިމަތިކުރުވާފައިވީ ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި އަތޮޅުގެ ހަތަރު ދާއިރާގެ ޓިކެޓް ހިފައިގެން ނުކުތް ހަތަރު ކެންޑިޑޭޓުން ނިސްބަތްވީ ރައީސް ޔާމީން ނިސްބަތްެވެވަޑައިގަންނަވާ ޕީއޭއަށް". އަދުރޭ ވިދާޅުވިއެވެ.

އެއިރުވެސް ހައްދުންމަތީ ރައްޔިތުންނަށް ރައީސް ޔާމީންއާއެކު ކުރިއަށްގޮސްފިނަމަ މި އަތޮޅަށް ތަރައްގީ ގެނެވޭނެކަމުގެ ޔަގީންކަންއޮތްކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަސްޓް

    ރިޔާސީ އިންތިހާބުގައި ޔާމީނަށް އެންމެ ބޮޑު ޕަސަންޓެއް ހޯދައި ދޭނީ ހައްދުންމަތިން ކަމަށްވާނަމަ އެއީ އުފާވެރި ޚަބަރެކޭ. ރިޔާސީ އިންތިޚާބުގައި ހަމަ އެކަނި ރާއްޖެތެރޭގައި ކެމްޕެއިން ކޮށްގެން ގޭމް ޗޭންޖް ނުކުރެވޭނެއޭ ރިޔާސީ އިންތިޚާބުގައި ގޭމް ޗޭންޖް ކުރެވޭނީ މާލެ ސަރަަހައްދުގައި ވޯޓްލާމީހުންގެ %85 ވޯޓް ލިބިގެންނޭ އެކަން ކުރަންވީއޭ ސަރުކާރުން ވެސް އަދި ޕީޕީއެމް އިންވެސް ގުޅިގެން. އެގޮތުން މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން ސަރުކާރުން ރައީސް އޮފީހުގައި މިނިސްޓަރުން ފައްޗެއް ތިބެގެން އެކަން އިއުލާން ކޮށްލާ އަދި ފްލެޓްސް ތައް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމުގެ ލިޔުން ވެސް ހަވާލު ކުރަންވީ ފޯރމް ލާފައިވާ އެންމެންނާއި. އައި އޭމް އިން ދަ މިޑިލް އޮފް ދަ ޑްރީމް ގެޓިންގް ސުޕަރ ޑެލިގޭޓްސް ފްރޮމް މާލެ އިޓްސް ޖަސްޓް އެނަދަރ ލަކީ ސަޓަރޑޭ ޑްރީމް..