ދަރިވަރުން ސްކޫލްގައި ހޯދާ ޢިލްމުގެ ފައިދާ މުޖްތަމައުއަށާއި ކޮންމެ ރައްޔިތަކަށް ފޯރަންޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ މުހިއްޔުއްދީން ސްކޫލުގެ 2018 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި އިއްޔެ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ޝިދާތާ ވިދާޅުވީ މިއަދު އިނާމު ހާސިލް ކުރާ ދަރިވަރުންނަކީ އެކިއެކި ދާއިރާތަކުން ފެނިގެން ދާނެ ކުދިން ކަމަށާއި އެދަރިވަރުންގެ އިލްމުގެ ފައިދާ މުޖުތަމަޢަށް ކުރަން ފޯރަން ޖެހޭނެ ކަމަށެވެ.

ޝިދާތާ ވިދާޅުވީ، ދަރިވަރުން ހޯދަމުންގެންދާ އިލްމަކީ ދަރިވަރުންގެ މުސްތަގްބަލުކަމުގައި ވާއިރު، ޤައުމުގެ މުސްތަގްބަލު ކަނޑައެޅުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

މިކަން ހާސިލްކުރުމުގެ ވަރުގަދަ އަޒުމް ކަނޑައުޅުމަށް ޝިދާތާ ވަނީ ނަސޭހަތްތެރިވިއެވެ.

"ތައުލީމީ ބައެއްގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ގައުމަށް ލިބޭނަމަ އެމުޖްތަމައުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކެއް ހައްގުތައް އޮންނާނި ފުރިހަމައަށް ކަށަވަރުވެފައި، ކޮރަޕްޝަނާއި ފަސާދައިން އޮންނާނި ސަލާމަތް ވެފައި، ދޭދޭ ފަރުދުންގެ މެދުގައި އޮންނާނި ރައްކާތެރިކަމާ އަޅާލުން، އަދި ފެނިގެން ދާނި އެކުވެރި އެންމެންގެ ބައިވެރިވުން އޮތް އެންމެންގެ ޝާމިލުވުން އޮތް މުޖުތަމައުއެއް" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަހަތަށް އެނބުރި ބަލައިލާފިނަމަ ޒަމާނުއްސުރެ އެކުވެރި އެއްބައިވަންތަ އެކަކު އަނެކަކުދެކެ ލޯބިވާ ރައްޔިތުންތަކެއް ދިރިއުޅެމުން ދިޔި ޖަޒީރަ ގައުމެއް ކަމަށެވެ. އަދި އިހު ޒަމާނުގެ ރަށްފުށުގެ ދިރިއުޅުމައް ނަޒަރުހިންގާލިއިރު ފެނިގެންދިޔައީ ވަރަށް އެކުވެރި ރަތްޔިތުންތަކެއް، މުހިންމު ނިންމުންތަކެއް ނިންމުމުގައި މުސްކުޅި މާމަ އާއި ކާފަގެ ދައުރެއް އޮތް ޖަޒީރަ ދިރިއުޅުމެއް ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެކަން ބަދަލުވަމުން އަންނަ ކަމަށާއި، މިހުރިހާ ކަމެއްގައި ތދަރިވަރުންގެ ހިއްސާ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    ކަލޭ ތިވާހަކަ ނުދެއްކިޔަސް އެންމެންނަށް ތިކަން އެނގޭ.

  2. 1111

    ތިބުނާ އިލްމެއްގެ ފައިދާ ކޮށްފަވާތަން އެބަ ފެނެއެއްނު ތާލޭމެންނަށް ބަލާލީމަވެސް!