ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤަވާއިދު ތަކާއި ޙިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޤާނޫނާއި ޙިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދް ހިމެނޭ ގޮތަށް އިތުރު 11 މީހަކު ހައްޔަރު ކޮށްފައި ވާއިރު، މީގެ ތެރެއިން ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ދެކޮޅަށް ފުލުހުން ކުރަން ނިންމާފައި ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ކުށުގެ ދައުވާ އެވެ.

މީޑިއާ ތަކާއި މައުލޫމާތު ޙިއްސާ ކުރަމުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކޮށްފައި ވީ ނަމަވެސް، ތަހުގީގަށް އެއްބާރުލުން ނުދެނީ ކޮން ފަރާތްތަކުން ކަމެއް ވަކިވަކިން ހާމަކޮށްފައެއް ނުވެއެވެ.

ޤާނޫނީ ހަމަތަކުގެ މަތިން އުފެދިފައިވާ މި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދެން ހައްޔަރު ކޮށްފައި ވަނީ : ސުޕްރީމް ކޯޓުގެ ގާޒީ އަލީ ހަމީދް މުހައްމަދު،

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދް،

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު،

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން،

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން،

ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތުމަތު ނާސިރާ،

ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް،

ރައީސް މައުމޫނުގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމް، މުހައްމަދު އަޒްމީ، އަދި

ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ބޮނިއާ ސުދާގަރުއެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތްތަކުގެ މައްސަލަ ބަލައި، މިހަފްތާގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެރަ

    މިގައުމުގައިހުންނަން ބިރުއެބަގަނޭ މާޒީގައި މިކަހަލަ ގައުމުތަކަށް ﷲ ކޯފާ ފޮނުއްވި. ބަލަ ކަލޭމެން ބަސްއަހާމީހާއަކީ ކަލޭމެނަށް ހިމާޔަތް ދެވޭނެ މީހެއްނޫނެވެ.