މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކާއި އެ ސަރަޙައްދުގެ ޙާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެސަރަޙައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނައިބް ރައީސް ފައިސަލް މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި އެސަރަޙައްދުގައި މިހާރު ކުރިޔަށްދާ މަސައްކަތްތައް އޮޅުންފިލުއްވައި އަލިފާނުގެ ސަބަބުން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވާފައިވެއެވެ.
އަދި އެ ސަރަޙައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކާ އަދި އެ ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ނައިބު ރައީސް ބައްދަލުކުރައްވާފައިވެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލެއްވުމަށްފަހު އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.