ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އާ 4 ބޯޓު ގެންނަން އެ ކުންފުނިން ނިންމައިފިއެވެ.

52 ސީޕްލޭން އާއި އެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ގޮތުގައި ހިދުމަތް ދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ މި ކުންފުނިން އަބަދުވެސް ދަނީ އާ ބޯޓުތައް ގެންނަމުންކަން ފާހަގަކޮށްލެވެއެވެ.

މި 4 ބޯޓުގެ ތެރެއިން އެއް ބޯޓު މިއަދުގެ ވަގުތެއްގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ. ޕޯޗުގަލްގެ ސެންޓާ މަރިއާ އިން ފުރައިގެން އައި މި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައި ވަނީ އިރުއޮއްސި 18:10 ގައެވެ. ބާކީ އޮތް 3 ބޯޓުވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖެ އަންނާނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޓީއެމްއޭ އިން ބުނާ ގޮތުގައި މީގެ ކުރިން ދުވަހަކުވެސް މިހައި ކުޑަ މުއްދަތެއް ތެރޭގައި މިހައި ގިނަ ބޯޓު އެ ކުންފުނިން ގެނެސްފައެއް ނުވާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައިވެސް އިސް ދައުރެއް އަދާ ކުރަމުން އަންނަ ޓީއޭމްއޭ އިން ހއ. އަތޮޅުން ފެށިގެން މ އަތޮޅުގެ އެތައް ރިސޯޓުތަކަކަށް ކޮންމެ ދުވަހަކުވެސް އެތައް ފްލައިޓެއް އޮޕަރޭޓް ކުރާކަން ފާހަގަކޮށްލެވެއެވެ.

އެ ކުންފުނިން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އާ ރިސޯޓުތައް ހުޅުވަމުން ގެންދާ ވަރަކަށް ޑިމާންޑު ބޮޑު ވުމާއި އެކު މިގޮތަށް ގިނަ ބޯޓުތަކެއް ގެންނަން ޖެހޭނެއެވެ.