ގައިދީން ޖަލުގައި ތިބެގެން ވަކީލުންނަށް އޮންލައިންކޮށް އެދެވޭނެ ގޮތް ހަދަން ނިންމައިފި އެވެ.

މާފުށީ ޖަލުގައި ބޭއްވި ހަފްލާއެއްގައި މިކަން ހާމަކުރައްވާފައިވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން މުނާޒް ވިދާޅުވީ ޖަލުގައި ހައްޔަރުކުރެވޭ މީހުންގެ އިންސާނީ ހައްގުތަށް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައިވާ ކަމަށެވެ.

"ވަކީލެއްގެ ގޮތުގައި ރަޖިސްޓްރީވުމަށްފަހު ބައްދަލުކުރަން އެދޭ ކޮންމެ ފަހަރަކު އަލުން ހުރިހާ ލިޔުންތައް މިހާރު ހުށަހަޅާކަށް ނުޖެހޭނެ. އަދި ބައްދަލުވުންތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ﷲ ގެ އިރާދަފުޅާއެކު ދާދި އަވަހަށް ހަމަޖެހިގެން ދާނެ،" މުނާޒް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ މީގެ ކުރިން ގައިދީން ވަކީލުންނާ ބައްދަލުކުރަން އުފުލަން ޖެހުނު ތަކުލީފުތައް ނައްތާލާފައި ވާކަމަށެވެ. މީގެ އިތުރުން އާއިލާއާއި ބައްދަލުކުރަން ލިބޭ ވަގުތުވެސް ދެ ގަޑިއިރަށް އިތުރުކޮށްފައި ވާކަންވެސް މުނާޒް ވަނީ ފާހަގަކުރައްވާފަ އެވެ.

މުނާޒް ވިދާޅުވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ޝަކުވާތައް އެކި މުވައްސަސާތަކަށް ހުށަހެޅުމަށް ސިޓީ ފޮނުވުމުން އެ ސިޓީ ރައްދުކުރެވުނުކަން ސިޓީ ފޮނުވި ފަރާތަށް މިހާރު ޔަގީން ކުރެވޭނެ ކަމަށެވެ.

"ޔުނިޓްތަކުގެ ޔާޑްތައް ތަރައްގީކޮށްގެން މެނުވީ ގޮޅިތަކުގަ 24 ގަޑިއިރު ބަންދުކޮށްފައި މީހުންގެ ބޭތިއްބުން ނިމުމަކަށް ނުގެނެވޭނެތީ، ޔާޑްތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅެވޭނެހެން ޔާޑްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަނީ ކުރަން ފެށިފައި،" މުނާޒް ވިދާޅުވި އެވެ.

ހަމައެއާއެކު އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ގައިދީން ތިބޭ ގޮޅިތައް ފަރުމާކުރުމަށް ބަދަލު ގެނެވޭނެކަމަށާއި، ވައި ދައުރުވާނެ ގޮތް ހަދާ ގޮޅިތަކުގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ. މި ހުރިހާ ކަމެއްވެސް ކުރަނީ ރެޑްކްރޮސްއާއި އައިސީއާރުސީގެ ލަފަޔާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ދެން ގައިދީން އޮންލައިންކޮށް ވަކީލުންނަށް އެދެން އޮންލައިން ވަނީ ކިހިނެއް؟

  2. ދާލިފް

    ގައިދީންނައް އޮންލައިންކޮއް ވިޔަފާރި ކުރެވޭގޮތާއި ޕިއްޒާ އޯޑަރު ކުރެވޭ ގޮތްވެސް ހައްދަވައިދެއްވާ.. އެއީ ނިކަމެތި ގައިދީން.. އެމީހުންނައް ރަހުމް ކުރައްވާ..