ޢާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުހޯދުމަށް ޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ސިމްޕޯޒިއަމެއް ފަށައިފިއެވެ.

ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މިއަދުން ފެށިގެން މިމަހުގެ 30 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ.

ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި ސިމްޕޯޒުއަމްގައި ދިވެހިރާއްޖޭގެ ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށް ޓަކައި، ކުރެވެން ހުރި ކަންކަން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ މި ސިމްޕޯޒިއަމްގައި، ފެމިލީ ޖަސްޓިސްގެ ނިޒާމާގުޅޭގޮތުން ހަތަރު ކީ ނޯޓް ލެކްޗަރ ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ.

ކީ ނޯޓް ލެކްޗަރ ދެއްވާނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް މުޙައްމަދު އީމާން ޢަލީ އާއި، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓަރ ޑރ.މުނީރު ސަފީލްދީން އާއި، ޕާކިސްތާނުގެ ކެރިއަރ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރ އޮނަރަބަލް ފާޚާރު ޒަމާން، އަދި ތުރުކީވިލާތުގެ ފަސްޓް ކްލާސް ޖަޖް އޮނަރަބަލް ޒޭނެޕް ކުރްނާޒެވެ.

ކޯޓުތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުންހުރި މިނިސްޓްރީތަކާއި، މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ގޮތުން މުޅިއެކު 10 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން، ސަރުކާރުގެ ފަރާތުން އާއިލީ ޢަދުލުގެ ނިޒާމް އިޞްލާޙުކުރުމަށް ހުށަހަޅާ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުރިހަމަ ޢާއިލީ ޢަދުލުގެ ނިޒާމެއް ބިނާކުރުމަށް ޓަކައި ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ޢާއިލީ ޢަދުލުގެ ނިޒާމުގައި މިހާރު ޢަމަލުކުރެވެމުންދާ އިޖުރާއާތުތަކާއި ރެގިއުލޭޓަރީ މެކޭނިޒަމްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ ބެހޭ ގޮތުން މި ސިމްޕޯޒިއަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއްވައެވެ.