ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސްކޮށް، ވޯޓަށް އެހުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ބިލަށް ބަހުސްކޮށް ވޯޑަށް އެހުމުގެ ޖަލްސާ ހޯމަ ދުވަހު ބާއްވާނެކަން ހާމަކުރެއްވީ، އެ ބިލު ދިރާސާ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފުއެވެ.

ޝަރީފް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިހާރު ބިލު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް އޮންނާނެ ކަމަށެވެ. އަދި ހޯމަ ދުވަހު ބިލަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ހޯމަ ދުވަހު ޖަލްސާ ބޭއްވާ ގޮތަށް އަދި އޮތީ. އެނޫން ގޮތަކަށް ބަދަލު ނުކުރާހާ ހިނދަކު ހޯމަ ދުވަހު ޖަލްސާ އޮންނާނެ،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރީ، އާންމުގެ ހިޔާލަށް ވެސް ހުޅުވާޅައިގެން ކަމަށާއި އޭގެ ފަހުން ކަމާ ގުޅުން ހުރި މުއަސާސާތަކާ ބައްދަލުކޮށް، އެ މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާ ވެސް ހޯދާފައިވާނެ ކަމަށެވެ.

އަދި ބިލަށް ބަދަލު ގެނެވިފައި ވަނީ މިވަގުތު ރާއްޖޭގެ ހާލަތު ވަޒަންކޮށް، ވީހާ ވެސް އަވަހަކަށް ބިލު ފާސްކުރުމަށް ކޮމިޓީން ގަބޫލުކުރެވިގެން ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ބަދަލް ގެނެސްފައިވާ ކުދި ކުދި ބަދަލްތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ގަވާއިދު ވަނީ 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭ ގޮތަށް ބަދަލު ކުރެވިފައެވެ.

ހަމަ އެޔާއެކު ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކުގެ މައުލޫމަތު ހިމެނޭ ސިއްރު ރިޕޯޓެއް ކޮންމެ ހަ މަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާ ކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ހޯމަ ދުވަހު ޖަލްސާ ބާއްވާނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް، އަދި މިހާތަނަށް މަޖިލީހުގެ އިދާރާ އިން ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޯޓު އަމުރަކާ ނުލާ އަމިއްލަ ތަންތަން ބަލާ ފާސްކުރެވިގެން ނުވާނެ.

  2. ޒީ

    ވަކިވައްތަރެއްގެ ހެދުންލިޔަސް ޓެރެރިޒަމް ދައުވާ އުފުލޭ!
    ދޮންމީހުން އުޅޭގޮތަށް އުޅުނީމަޔޯ ހުރިހާކަމެއް ރަގަޅުވާނީ!
    މީހަކު މަރުނިދީގަ ނިދާފަވަނިކޮއް ވަގައްގެންދިއުން ވެސް ހިމެނޭނެދޯ!