ސްރީލަންކާގެ ނުވަރައެލިޔާއިން ކޮލަމްބޯއަށް ދަތުރުކުރި ވޭނެއް، ބަހެއްގައި ޖެހި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ ދިވެހިންގެ ހާލު ރަނގަޅުކަމަށް ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވި ދެ ދިވެހިންނަކީ ދ. އަތޮޅު ސްކޫލުގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްސީގެ ލީޑިންގ ޓީޗަރ އާމިނަތު ޒާހިރާއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ނުރައްކާތެރި މި އެކްސިޑެންޓުގައި އަނިޔާވީ ދެމީހުންގެ ހާލު މިހާރު ސީރިޔަސް ނޫން ކަމަށާއި އާމިނަތުގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ހާލިދުގެ ފަޔަށްވަނީ އަނިޔާވެފައި ކަމަށެވެ.

މުންދު ވިދާޅުވީ މިހާރު ހާލިދަށް ފަރުވާދީ ނިމިފައި ކަމަށެވެ. ނަމަވެސް އާމިނަތުގެ ބޯ ފަޅައިގެން ގޮސްފައިވާތީ އަދި އިތުރު ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިޔަސް ނޫން ކަމަށާއި އިންޓާނަލް ބުލީޑިން އެއް ނެތް ކަމަށް މުންދު ވިދާޅުވިއެވެ. އެގޮތުން އެ ހޮސްޕިޓަލުން ދޫކޮށްލުމުން ކޮލަންބޯއަށް ގެނެވޭނެ ކަމަށް މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ އެވަގުތު ވޭނުގައި ތިބި އެހެން ދިވެހިން މިއަދު މާލެ ފުރުމަށް ކޮލަންބޯއަށް އައިސްފައިވާ ކަމަށެވެ. އަދި މި ދެ ދިވެހިންނަށް ފަރުވާދީ ނިމުނުހާ އަވަހަކަށް އަނބުރާ މާލެ ދާނެ ކަމަށާއި އެގޮތުން އަނިޔާވި ދެ މީހުންނާއިއެކު އެމީހުންގެ ހުރިހާކަމެއް މިހާރު ބަލަމުންދަނީ އެންބަސީގެ ބޭފުޅުންކަމަށްވެސް މުންދު ވިދާޅުވިއެވެ.