ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން މެލޭޝިއާގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ، މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޮކް ސިއޭވް ފޫކް އާއި މިއަދު މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން ކުރިން މެލޭޝިއާގައި އެއްގަމު އުޅަނދު ދުއްވެއެވެ. ނަމަވެސް ބޭރު ގައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދިނުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން މި އަހަރުން ފެށިގެން އެ ގައުމުން ރާއްޖޭގެ ލައިސަންސް ބަލައިގަތުން ވަނީ ހުއްޓާލައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިނިސްޓަރު އާއިޝަތު ނަހުލާ މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން ނިކުތް ނަތީޖާ އާއި ބެހޭ ތަފްސީލެއް ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ޑްރައިވިން ލައިސަންސަކީ ބޭރު ގައުމުތަކުގައި ބޭނުން ކުރެވޭ ލައިސަންސަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްނު

    ބަލާނެ ކަމެއްނެތް ތިޔަ އރކްސިޑެންޓޮތައް އާމްވީ މެލޭ ގާވެސް?

    9
    1
  2. ނާޒުކު

    ތީ ހާދަ ބޮޑު މަޝްރޫއެކޭ ނިއްމުމަށް.

  3. އަފީ

    1 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރުމަށް ޓްރާންސްޕޯޓް ވަޒިރު ސޮއިކޮށްފި.