ފާއިތުވި ހަތަރު އަހަރު ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރި ހަރަދު 130 އިންސައްތަ އިތުރު ވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައެވެ.

މިނިސްޓަރުގެ ހިތާބު ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ޑޮކްޓަރަކު ހަމަޖައްސަވައި، ކޮންމެ ރަށެއްގަ ބޭސްފިހާރައެއް ޤާއިމްކޮށް ދެއްވައި، ލެބޯރޓްރީގެ ޚިދުމަތް މުޅި ރާއްޖެއަށް ޢާއްމު ކުރައްވައި، ހުސްނުވާ އާސަންދަ ކަށަވަރުކޮށްދެއްވައި ކުރިން ނުލިބޭ ޞިއްޙީ އެތައް ޚިދުމަތްތަކެއް ތަޢާރަފު ކުރައްވާފައިވާކަން ފާހަގަ ކުރައްވަމުންނެވެ.

އަދި ބޭސްފަރުވާ ލިބިގަތުމާ ލިއްބައިދިނުމުގެ ނިޒާމަށް މި ވޭތުވެދިޔަ 4 އަހަރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންޤިލާބީ ހެޔޮ ބަދަލެއް ގެނަސްދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ކުރާ ޚަރަދު 130 އިންސައްތަ ފާއިތުވި ހަތަރު އަހަރު އިތުރުކޮށް، ޞިއްޙީ ޚިދުމަތް ފުޅާކުރީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނަސްދިނުމަށް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

"ރައީސް ޔާމީން ގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ކުރާ ޚަރަދު 130 ޕަސެންޓަށް މިވޭތުވެ ދިޔަ 4 އަހަރު އިތުރުކޮށް، ޞިއްޙީ ޚިދުމަތް ފުޅާކޮށް އިތުރުކުރީވެސް ކުރިންދެންނެވި އަސާސްގެ މައްޗަށް ރިޢާޔަތް ކޮށް. ރައްޔިތުންނަށްޓަކާ ކުރެވޭ ވެރިކަމަކުން ރައްޔިތުންނަށް އުފާ ފާގަތިކަން ގެނަސްދިނުމަށް." މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު މި ޤައުމުގަ ޚިދުމަތް ދޭން ތިބި ޑޮކްޓަރުންގެ ޢަދަދަށްވުރެ 413 އިތުރު ޑޮކްޓަރުން އެ ހިދުމަތް ދިނުމުގައި އުޅުއްވާ ކަމަށާއި 681 ނަރުހުން ޚިދުމަތުގައި އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ އަހަރާއި އަޅާ ބަލާއިރު ބަލިމީހުންނަށް ޚިދުމަތް ދިނުމަށް 382 އެނދު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވިފައި މިހުރީ ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ވީހާވެސް ފަސޭހައިން ލިބެވޭނެ ފަދަ ގޮތަކަށް ކަމަށްސ ފެންނަމަންޒަރާއި ޑަބްލިއުއެޗްއޯގެ ގެ ތަފާސް ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ. އެގޮތުން ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން މިހާރު ފަރުވާ ލިބެމުންދާ ކަމާއި ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކުގެ ފަރުވާ އާސާންދައިން ކަވަރު ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާ، އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ފަދަ ޚިދުމަތްތަކާއެކު، ކިޑްނީބަލީގެ ފަރުވާ އާއި، ދަތުގެ ފަރުވާ އާއި ލޮލުގެބަލިތަކަށް ފަރުވާކުރުމުގެ ޚިދުމަތްތައް އަތޮޅުތެރޭގައި ޢާއްމު ކުރެވި ތަރައްޤީކުރެވެމުން ދާ ކަމަށާއި މިކަންކަމަކީ ސަރުކާރުގެ އެއްމެ މުހިއްމު އެއް އެޖެންޑާާ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިޔާރަކީ "ޔުނިވަރސަލް ހެލްތް ކަވަރޭޖް، އެވްރީވަން، އެވްރީ ވެއަރ" އެވެ.

 

ކިޔުންތެރިންގެ ހިޔާލު