އަތޮޅު ތެރޭގައި ގާއިމް ކުރެވޭ ފުރަތަމަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް މި އަހަރު ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާ މުހާތަބުކޮށް ދެއްވި ހާއްސަ ހިތާބުގައެވެ.

ސަރުކާރުން ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެނައު ބޮޑެތި ތަރައްގީތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ސަރުކާރުން ސިއްހީ ދާއިރާއަށް ކުރި ހަރަދު 130 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރު އައްޑޫ ސިޓީގައި ހުޅުވޭ ޓާޝަރީ ހޮސްޕިޓަލާއި ހުޅުމާލޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގެ ވާހަކަ މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އަތޮޅުތެރޭގައި އެންމެ ފުރަތަމަ ޤާއިމް ކުރެވޭ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް މިއަހަރު އައްޑު އަތޮޅުގައި ހުޅުވޭނެ. ދެމެހެއްޓެނިވި ހަރުދަނާ ޞިއްޙީ ނިޒާމެއްގެ އެންމެ މުހިއްމު އެއްބަހާ ކަމުގައިވާ އަމިއްލަ ވިޔަފާރި ވެރިންގެ ބައިވެރިވުން ޞިއްޙީ ނިޒާމުގައި ފުޅާ ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ވަރަށް ފުރިހަމަ މަލްޓި ސްޕެޝަލިޓީ ޕްރައިވެޓް ހޮސްޕިޓަލެއް މިވަނީ ހުޅުމާލެގައި ހުޅުވި ޚިދުމަތް ދޭން ފަށާފަ." މިނިިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރުން އިތުރު ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހި ޑޮކްޓަރުން ބިނާކުރުމުގެ ސިޔާސަތުގެދަށުން 190 ޑޮކްޓަރުން ތަމްރީނުކުރުމަށް ވަނީ މި 4 އަހަރު ތެރޭ ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ސްޕެޝަލައިޒް ވުމަށް 52 ޑޮކްޓަރުންނާ އެމްބީބީއެސް އަށް 138 ދަރިވަރުން ފޮނުއްވި ކަން ހާމަކުރެއްވިއެވެ.

އަދި ސިއްހީ ދާއިރާގައި ބޭރު ގައުމުތަކަށް ރާއްޖެ ބަރޯސާވެފައި އޮތް އޮތުން ކުޑަ ކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި މެޑިކަލް ކޮލެޖެއް ގާއިމްކޮށް ހުޅުވަން ނިންްމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިއްޙީ ޚިދުމަތްތައް ފުޅާވެގެންދާއިރު، ބޭރުގެ ޤައުމުތަކަށް ބަރޯސާވުން އިތުރުވަމުންދާ ދިއުން ކުޑަކުރުމަށްޓަކައި ، މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މުހިއްމުކަން ވަނީ އިތުރުވެފަ . ވުމާ އެކު ރާއްޖޭގައި ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރެވި، މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް ވަނީ ފެށިފައި. އަދި މީހުން ތަމްރީނުކުރުމަށްޓަކައި އަޅުގަނޑުމެން މިސްރާބު ޖަހާފައި މިވަނީ މެޑިކަލް ކޮލެޖެއް ޤާއިމުކުރުމަށް. އުއްމީދަކީ އެ ކޮލެޖްގައި މިއަހަރު ކިޔަވައިދެން ފެށުން." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ދެވޭ ފަރުވާގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަޤްސަދުގައި ނޭޝަނަލް ކޮލިޓީ ފްރޭމްވޯރކް ތައްޔާރުކުރެވ ބަލި ބައްޔަށް އެކަށީގެންވާގޮތެއްގައި ފަރުވާކުރާނެ ގައިޑްލައިން ތައްޔާރުކުރެވި، މިހާރު ދަނީ ތަންފީޒުކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވއިެވެ. އަދި ރާއްޖޭގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރުބެލުމުގެ ޓެސްޓްތައްވެސް ގާއިމް ކުރެވިފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު