މަގުމަތިން ފެނުނު މީހަކު ހުއްޓުވާ މިއަދު ފުލުހުން އޭނާ ފާސްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަމުން ދިޔަ މީހެއް ކަން އެނގިއްޖެއެވެ. އަދި އޭނާގެ އަތުން ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނުތަކެއް ވެސް ފެނިފައެވެ.

ފުލުހުން ވިދާޅުވީ ގަލޮޅު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރި އެ މީހާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ފޯނާއި އެކްސްޓާނަލް ހާޑެއް ފެނިފައިވާ ކަމަށެވެ.

އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުުހުން ވިދާޅުވީ އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

މިއަދު އިތުރު ވައްކަމެއް ކޮށްގެން އުޅުނު ދެ މީހަކު ވެސް ގަލޮޅު ފުލުހުން ވަނީ އަތުލައިގެންފައެވެ.

ފުލުހުން ވިދާޅުވީ މިއަދު 2:26 ހާއިރު މަގުމަތި ޕެޓްރޯލް ކުރިއިރު ޝައްކުކުރެވޭ ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރު ސިސްޓަމަކާއި ޕްރިންޓަރެއް ހޯދާފައިވާ ކަމަށެވެ.

މި ދެމައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ވަނީ ވަށްކަންތައް ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސްތެރޭގައި ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅާލައިގެން ވެހިކަލްތަކުގެ އެތެރޭގައި ހުންނަ އެއްޗެހި ވަގަށް ނެގުން ވެސް އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.