2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ލ.ގަމުގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބަދްޝާހު މަރާލި މައްސަލައިގައި ދަޢުލަތުގެ ފަރާތުން ދައުވާ ކުރާ އަލީ ހަމްޒާ، އޭނާގެ ނަފްސާނީ ބައްޔަށް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދައިދިނުމަށް އެދިއްޖެއެވެ.

ބަދްޝާހު މަރާލި މައްސަލައިގައި ދަޢުލަތުގެ ފަރާތުން ލ.ގަން، ރެޑްފިޝް، ޢަލީ ހަމްޒާގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމުގައި އެ މައްސަލައިގައި ދަޢުވާ ލިބޭ ފަރާތް، އަލީ ހަމްޒާ ވާހަކަ ދައްކަން އެދި ފުރުސަތަކަށް އެދުމުން ގާޒީ ފުރުސަތު ދެއްވުމުން ހަމްޒާ ބުނީ އޭނާ ބަންދުކޮށްފައި ހުންނަތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އޭނާ އަކީ ނަފްސާނީ ބަލި ހުންނަ ފަރާތެއް ކަމަށާއި، އަދި ބޮލުގެ ނާރުތަކަށް ބާރު ކުރުމުގެ މައްސަލަ ހުންނަކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ހަމްޒާ ވަނީ އޭނާގެ ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ލިބިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ކަރެކްޝަންސްގެ ފަރާތުން އޭނާ ބައްލަވާ ޑޮކްޓަރު ދެނީ ނިދިއަންނަ ބޭހެއް ކަމަށާއި އެ ބޭހުގެ ޑޯޒް މަތި ކުރަމުން އަންނަ ކަމަށާއި އޭނާގެ ބަލި ހާލަތަށް އޭގެ ސަބަބުން ރަނގަޅު އަސަރެއް ނުކުރާ ކަމަށެވެ. އޭނާ ބުނީ އާއިލާގެ ފަރާތުން ޚަރަދުކޮށްގެން ކަމަށްވިއަސް ބައްޔަށް އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތެއް ހޯދަން އެދޭ ކަމަށެވެ.

ދައުލަތުގެ ފަރާތުން ވިދާޅުވީ އެ މައްސަލައިގެ ކުރީގެ އަޑުއެހުމެއްގައި ހަމްޒާ އޭނާގެ ސިއްހީ ހާލަތުގެ ވާހަކަ ފާހަގަ ކުރުމުން 29 އޭޕްރީލް 2018 ގައި ކަރެކްޝަންސް އިން އޭނާގެ ފަރުވާގެ މަޢުލޫމާތު ހޯދަން އެދުނުކަމަށާއި އަދި އޭނާގެ ސިއްހީ ކަންތައްތަކަށް ބޭސް ފަރުވާ ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އޭނާގެ މެޑިކަލް ލިޔުންތައް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށް ދަޢުލަތުގެ ވަކީލު ވިދާޅުވިއެވެ. ހަމްޒާގެ ނަފްސާނީ މައްސަލަ ހުންނަކަން އެ ލިޔުންތަކުން އެނގޭ އިރުވެސް، މައްސަލައިގެ ބާވަތުން ދަޢުލަތުން އެދިފައިވަނީ ހަމްޒާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

ދިފާޢީ ވަކީލުވެސް ވަނީ ހަމްޒާގެ ބައްޔަށް ޚާއްސަ، އެކަށީގެންވާ ފަރުވާ އޭނާ އަށް ލިބިގެން ނުދާ ކަން ފާހަގަ ކޮށްފައެވެ. އަދި އެ މައްސަލައިގެ ޝަރީޢަތް އެހާ ގިނަ ދުވަހަށް ދިގުދެމިގެންދާއިރު، ހަމްޒާގެ ސިއްޙީ ފަރުވާ ރަނގަޅަށް ކުރިއަށް ގެންދިޔުމަކީ ދަޢުލަތުން ޔަޤީންކޮށްދޭން ޖެހޭ ކަމެއް ކަމަށާއި، އެތައް މަހެއް ފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވާއިރު ދަޢުވާ ލިބޭ ފަރާތް އެ ވާހަކަ ފާހަގަ ކުރަން ޖެހުމަކީ ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިޢާޔަތް ކޮށް، މައްސަލަ ބައްލަވާ ގާޒީ ވަނީ އައިޖީއެމްއެޗު ހޮސްޕިޓަލް ގެ ނަފްސާނީ ޑޮކްޓަރަކަށް ހަމްޒާ ދައްކައި ޑޮކްޓަރުގެ ލަފާ ހޯދައި އެ ކަންތައް ޝަރީޢަތުގެ މަޖިލީހަށް ހުށެހެޅުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްފައެވެ.

އެ މައްސަލައިގައި ޕީޖީ މެދުވެރިކޮށް ދަޢުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް އެކި ގޮތްގޮތުން ދައުލަތުގެ މަސައްކަތް ކޮށްގެންވެސް ހާޒިރު ކުރެވިފައި ނުވާތީ އޭނާގެ ހެކިބަހާ ނުލާ މައްސަލަ ކުރިއަށް ގެންދިއުމަށް ދައުލަތުން އެއްބަސްވި އެވެ. މިއާއެކު ދައުލަތުގެ ފަރާތުން ވަނީ މައްސަލައިގެ ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓު، ތައްޔާރު ކުރި ދެ ފުލުސް އޮފިސަރެއްގެ ހެކިބަސް ނަގައިދިނުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދިފައެވެ. ދައުލަތުގެ އެ ވާހަކަ އާއި ގުޅިގެން ދިފާއުން ވަނީ ޝަރީއަތުގައި ކިތާބީ ހެއްކެއްގެ ގޮތުގައި އެ ރިޕޯޓު ހުށަހެޅިފައިވާ އިރު އަލުން ޝަފަހީ ހެއްކެއްގެ ގޮތުން އެ ހެކި ހުށަހެޅުމަށް އިޢުތިރާޒު ކޮށްފައެވެ.

އެ ރިޕޯޓަކީ ކްރައިމް ސީން އަށް ގޮސް އެންމެ ފުރަތަމަ މައްސަލައިގެ މަރުވި މީހާގެ ފޮޓޯ އާއި ކްރައިމް ސީން ބަޔާން ކޮށް ހެދިފައިވާ ރިޕޯޓެކެވެ. ދިފާޢުގެ ފަރާތުން އެކަމަށް އިޢުތިރާޒު ކުރަނީ ކީއްވެ ތޯ އެއްސެވުމުން ދިފާޢީ ވަކީލު ވިދާޅުވީ އެ މައްސަލަ ޝަރީއަތުގައި ހިނގަމުންދާ އެތައް އަހަރެއް ވީއިރު ޕީޖީ އޮފީހުގެ ފަރާތުން ހެކި ހުށެހަޅުން ލަސްވާ މައްސަލަ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޖިނާޢީ އިޖުރާތުގެ ޤާނޫނު އައުމުގެ ފަހުންނާއި އަދި ކުރިންވެސް ޢަމަލު ކުރަމުން އައި އުސޫލަކީ ޝަފަހީ ހެއްކެއްގެ ގޮތުން ހެކިބަސް ހުށަހަޅަން ބޭނުންވާ ނަމަ މައްސަލައިގައި ހުށަހަޅާ ރިޕޯޓެއް ތައްޔާރު ކުރި ފަރާތާއި ފުރިހަމަ ތަފްސީލު ބަޔާން ކުރެވިފައި އޮންނަން ޖެހޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ލިބެން ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެ ރިޕޯޓު ކިތާބީ ހެއްކެއްގެ ގޮތުގައި ދަޢުލަތުން ހުށަހަޅާފައި ވީހިނދު އެކަމުގައި ރިޕޯޓު ތައްޔާރު ކުރި މީހުންގެ ހެކިބަސް ނަގަން ބޭނުންވަނީ ކީއްވެތޯ އައްސަވާފައެވެ. އަދި އެ ރިޕޯޓާއި ބެހޭގޮތުން އޭގައި ނެތް އެއްޗަކާއި ބެހޭގޮތުން އިތުރަށް ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ގައެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކިންނާއި ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ދިފާޢީ ހެކިންގެ ހެކިބަސް ހުށަހެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޯ

    ކަލޭ އަމިއްލައަށް މަރުވީމަ ކަލެއަށް ޖެހިފައިތި ހުރި ބަލި އަށް އެދެވޭ ފަރުވާއެއް ލިބޭނީ އޯކޭ

    9
    4
  2. ހަމަހަމަ

    ނަފްސާނީ ބަ އްޔެކޭބުނެ ތިފަދަ ނުރަ އްކާތެރި މީހަކު ހަމަ ދުލެ އް ނުކޮށް ލެވޭނެ. ޢަދި އަދަބުވެސް ވަކި ލުޔު އް ނުކުރެވޭނެ. ތި އީ މޮޔަ އެ އް ނޫން ވި އްޔާ

    14
    3
  3. ކިންގްފިޝަރ

    މީހަކު މަރާލުމަށްފަހު ނަފްސާނީ މީހަކަށްވާން ބާރުއަޅަނީ ގިނަފަހަރު އެ ޚަޞްމުގެ ލޯޔަރ. އެއީ ހުޅަނގުން މި ގެންގުޅޭ ޑިމޮކްރަސީގައި ވިކޭ އަދި ކުރި ކުށަށް އަދަބު ނުލިބޭ ކަމެއް. ކުށް ވާނީ ކުށަށް. ކުށް ކުރި އިރުގައި ހުރީ ހަމައިގައި އަދި ކުރަނީ ޤަޞްދުގައި ކަމުގައިވާނަމަ އެކުށަށް އެކަށޭނަ އަދަބު ލިބެންޖެހޭނެ. ޓައިމް ބައިކުރަން ފުރުސަތު ދީގެން ނުވާނެ.

    19
    3
  4. ޕޮގުބާ

    ތިމީހުންބަލިވަނީ ޖަލަށްލީމަ

    15
    3