އައްޑޫ ސިޓީގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ޑިޒައިންކުރުމާއި، އީއައިއޭ ތައްޔާރުކުރުމުގެ މަސައްކަތް އިޕޮކް އެސޯސިއޭޓްސްއާއި ހަވާލް ކޮށްފިއެވެ.

އައްޑޫ އަތޮޅު ފޭދޫގެ ފެންހިންދުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައި ވާއިރު އިއްޔެ ހަވާލު ކުރީ އައްޑޫގެ ބާކީ އޮތް 5 ރަށަށް ކަމަށްވާ ( އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ހުޅުދޫ އަދި މީދޫ) ގައި ފެންހިންދާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތެވެ.

މިއެއްބަސްވުމުގެ ދަށުން ފެންހިންދާ ނިޒާމް ޤާއިމް ކުރުމަށް ބޭނުންވާ ދިރާސާތަކުގެ ތެރޭގައި ފަސް ރަށުގެ އީއައިއޭ އަދި ކުރެހުންވެސް ހިމެނެއެެވެ.

އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްއާއި ދެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލު ކުރެވިފައި ވަނީ ދައުލަތުގެ ބަޖެޓުން 2,006,202.62 (ދެ މިލިއަން ހަހާސް ދުއިސައްތަ ދެރުފިޔާ ފަސްދޮޅަސް ދެލާރި) އަށް މަސައްކަތް ނިންމުމަށެވެ. މި އެއްބަސްވުމަކީ މަސައްކަތް ހަވާލު ކުރެވޭ ތާރީޙުން ފެށިގެން ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވޭ މަސައްކަތެކެވެ.

އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް މުސްތަގުބަލުގައި އައްޑޫސިޓީގެ ތަރައްޤީއަށް ފައިދާ ކުރާނެ ކަމަށާއި އަދި އާއްމު ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން، މިމަޝްރޫއުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މިސިޓީގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅޭ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީއާއި، އާއްމު ފަރުދުންގެ މުދަލާއި ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެކެވެ.