ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި މައްސަލައިގައި، ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން، 29، އާއި، ހަމަ އެރަށު، ބީޗްވިލާ އަލީ ސިފާމް، 33، ގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން، މިއަދު ވަނީ އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައަށް ހަތަރު އަހަރުވެފައިވާ އިރުވެސް، އަދިވެސް ކުރިއަށްދަނީ މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުންތަކެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ޤާޟީ، މުޙައްމަދު ޞަމީރު މިއަދު ވިދާޅުވީ، މި މައްސަލައަށް މިހާ ދުވަސްތަކެއް ވެފައިވާތީ، އެކަމާއި ކަންބޮޑުވާ ކަމަށާއި، އެހެންކަމުން، ޝަރީޢަތް ފެށުމާއި މެދު މިއަދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ގޮތުން، ޤާޟީ، މުޙައްމަދު ޝަމީރު ވިދާޅުވީ، މި މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައި ވުމުގެ ސަބަބުން، މި މައްސަލާގައި ދަޢުވާ ލިބޭ އަލީ ސިފާމްގެ ފަރާތުން، މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމާއި ގުޅޭގޮތުން ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި، އެގޮތުން، ފިޤުހީ އިލްމުވެރިންގެ މެދުގައިވެސް ޚިލާފުވެފައިވާ ފަދައިން، އެ ހެކިންގެ ހެކިބަސް މިހާރު ޝަރީޢަތަކަށް ބަލައިގަނެވިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުން، މިހާރު އެ ހާދިޘާ ހިނގާގޮސްފައިވާ ގޮތް އެމީހުންނަށް ރަނގަޅަށް ނޭނގުން އެކަށީގެންވާކަމަށްވެސް ބަޔާންކޮށްފައިވާކަމަށް ޤާޟީ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން، ދިފާޢަށް ދެއްވި ފުރުޞަތުގައި، ޢަލީ ސިފާމްގެ ވަކީލް މުޙައްމަދު ޔާމީން ވިދާޅުވީ، މައްސަލައަށް މިހާ ދުވަސްވެފައިވާތީ، އަލުން އެ ހެކިންގެ ހެކިބަސް ނަގާއިރު، ހާދިޘާ ހިނގާ ދިޔަ އަސްލުގޮތާއި ތަފާތުވުން އެކަށީގެންވާ ކަމަށާއި، އެހެންކަމުން، އެކަމުގައި ޝަރިޢަތުން ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިކަމުގެ ޖަވާބުގައި ޤާޟީ ޞަމީރު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން، ދިފާޢުން ފޮނުވާފައިވާ ހުރިހާ ހުށަހެޅުންތަކެއްވެސް ދިރާސާކޮށްފައިވާނޭ ކަމަށާއި، ނަމަވެސް މިއީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ޝަރީޢަތުން ކަނޑައަޅާކަމަށެވެ. އެހެންކަމުން، މިހާ ހިސާބުން، އިބްތިދާޢީ މަރުޙަލާ މި ނިމުނީ ކަމަށާއި، ދެން އޮންނާނީ ޝަރީޢަތް ފެށުން ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގައި، މި މައްސަލައާއި ގުޅިގެން ދަޢުވާ އުފުލާފައިވާ، މުޙައްމަަދު ޝަނޫނު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވާ، ޢަލީ ސިފާމް ވަނީ އޭނާގެ ބަލިޙާލަތާއި ގުޅިގެން ގިނަ ވާހަކަތަކެއް ޝަރީޢަތާއި ޙިއްސާ ކޮށްފައެވެ.

"އިއްޒަތްތެރި ޤާޟީ. މި މައްސަލައިގެ ތުޙުމަތުގައި އަޅުގަނޑު ބަންދު ކުރިއިރު، އަޅުގަނޑަކީ ދެ ކަންފަތަށްވެސް އަޑު އިވޭ މީހެއް. ނަމަވެސް ވަރަށް ހިތާމަޔާއި އެކު އަޅުގަނޑު ދަންނަވަން ބޭނުން، އަޅުގަނޑުގެ ވާއަތު ކަންފަތުގެ އިވުން ވަނީ ގެއްލިފަ. އަޅުގަނޑުގެ ކަންފަތުން ދޮހާއި ފެން އައިސް، އެތައް ގެއްލުންތަކެއް ލިބެމުން ދިޔަ އިރުވެސް، އެކަން ރަނގަޅު ކުރުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި އަޅުގަނޑަށް ފަރުވާ ކޮށްދީފައެއް ނުވޭ. އިއްޒަތްތެރި ޤާޟީ. ތުޙުމަތެއްގައި ބަންދު ކުރެވޭ މީހާއަކީ ކުށްވެރިއެއް ނޫން. އެއީ ކުށްވެރިއެއް ނޫން ކަމަށް ޤަބޫލުކުރުމުގެ ހައްޤު އެމީހަކަށް ލިބިގެންވޭ. ކަރެކްޝަނުން އަޅުގަނޑު މި ބާއްވަނީ ޑިމާންޑް ޖަލެއްގައޭ ބުންޏަސް އަޅުގަނޑު ކިހިނެއްތޯ އެކަން ޤަބޫލުކުރާނީ. ނަމެއްގަ ރިމާންޑް ޖަލެއްގަ އަޅުގަނޑު މި އޮންނަނީ. ނަމަވެސް ރިމާންޑު ޖަލަކުން ލިބެންޖެހޭ އެއްވެސް ޚިދުމަތެއް އަޅުގަނޑަކަށް ނުލިބޭ. އަޅުގަނޑުގެ ދަތުގަ ފުޓުނިކޮޅެއް އަޅައިދޭށޭ ކިޔާތާވެސް އެތައް އަހަރެއް. މިހާރު އެ ދަތްވަނީ ހިރުގަނޑާއި އެކު ހަލާކުވެފަ. އަޅުގަނޑަކީ ހައްޔަރު ކުރި އިރުވެސް އުނަގަނޑުގަ ރިއްސާ މީހެއް. އެކަމަށްވެސް އެއްވެސް ފަރުވާ އެއް ލިބިފައެއް ނުވޭ." އަލީ ސިފާމުގެ ބަލި ޙާލަތު ޝަރީޢަތާއި ޙިއްސާ ކުރަމުން، އޭނާ ކިޔައިދިނެވެ.

މި ވާހަކަތަކާއި ގުޅިގެން ދަޢުލަތުން ވިދާޅުވީ، ޖަލުތަކުގައި ފަރުވާގެ ކަންކަން ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން، އަލީ ސިފާމަށްވެސް ފަރުވާ ލިބެމުންދާކަން ދައުލަތަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށާއި، ނަމަވެސް އެއް ކަންފަތުގެ އިވުން ގެއްލިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން، ޝަރީޢަތުން އެދިވަޑައިގަތީ، އަލީ ސިފާމްގެ ބަލިހާލަތާއި ގުޅޭ ހުރިހާ ރިޕޯޓެއް ދައުލަތުން ހޯއްދެވުމަށްފަހު އެކަން ވީ އެންމެ އަވަހަކަށް ކަށަވަރު ކުރުމަށެވެ. އަދި ދެން އެންމެ ފުރަތަމަ ބާއްވާ އަޑުއެހުމެއްގައި އަލީ ސިފާމްގެ ބަލިހާލަތާއި ގުޅިގެން ބަންދަށް ލުޔެއް ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން، ޒިޔަދަމް މަރާލުމުގެ ދަޢުވާ، މުހައްމަދު ޝަނޫނާއި، އަލީ ސިފާމް ގެ މައްޗަށް ކޮށްފައިވާ އިރު، ބިރު ދެއްކުމާއި، މާރާމާރީ ހިންގުމުގެ ދަޢުވާވެސް މުޙައްމަދުގެ ޝަނޫނުގެ މައްޗަށް ދަޢުލަތުން ވަނީ އުފުލާފައެވެ.

މި މައްސަލައާއި ގުޅިގެން ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    4 އަހަރު ފަހުންނޭ ؟؟؟ ހާދަ އަވަހަކަށް ތިނިންމާލީ

  2. މިލާތު

    ދެންވެސް ބަލާ މަރުވި މީހާއައްވުރެސް މިމީހުން ސަލާމަތް ކުރެވޭތޯ