މިއަހަރުގެ ރަމަޟާން މަހު ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަހަލްދީބު ފައުންޑޭޝަނުން ނިންމައިފިއެވެ.

މަހަލްދީބު ފައުންޑޭޝަނުން މައުލޫމާތުދިން ގޮތުގައި "ގިފްޓް އަ ސްމައިލް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ހާލުގައި ޖެހިފައިވާ އާއިލާތަށް ރަމަޟާން މަހުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި މިއީ މި ޕްރޮގްރާމް ކުރިއަށްގެންދާ ތިންވަނަ އަހަރު ކަމަށެވެ. އެގޮތުން މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 2016 ވަނަ އަހަރުއެވެ.

މި ޕްރޮގްރާމް ޓާގެޓުކޮށްފައިވަނީ 200 އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ. އެހެން ނަމަވެސް ސްޕޮންސަރ ލިބޭ މިންވަރަށް ބެލުމަށްފަހު އަދަދު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ކަމަށް މަހަލްދީބު ފައުންޑޭޝަނުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އާއިލާތަށް ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ޔަތީމު ކުދިންގެ އާއިލާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކާއި އެކަނިވެރި މައިން އަދި މާލީ ދަތިކަން ހިމެނޭ އާއިލާތަކެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ ޕްރޮގްރާމުގައި ރެޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށާއި އެގޮތުން މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުން ރެޖިސްޓަރ ކުރުމަށް ފޯމު ފުރަންޖެހޭނެ ކަމަށް އެ ޖަމިއްޔާ އިން ހާމަކުރެއެވެ.

ރަޖިސްޓްރޭޝަން ފޯމު އިއްޔެ އިން ފެށިގެން މއ.ފީރޯޒްވާދީ 9 ވަނަ ފަންގިފިލާގައި ހުންނަ މަހަލްދީބު ފައުންޑޭޝަނުގެ އޮފީހުން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. މީގެއިތުރުން އޮންލައިންކޮށް ވެސް މި ފޯމު ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށެވެ.

"ގިފްޓް އަ ސްމައިލް" ޕްރޮޖެކްޓް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 2016 ވަނަ އަހަރު ކަމަށްވާއިރު އެ އަހަރު އެހީތެރިކަން ފޯރުކޮށްދީފައިވަނީ 12 އާއިލާއަކަށް ކަމަށް މަހަލްދީބު ފައުންޑޭޝަނުން މައުލޫމާތުދެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ރަމަޟާން މަހު 104 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

މި ޕްރޮގްރާމްގެ ދަށުން އެއް މަސްދުވަހަށް ވާވަރަށް ކާޑުގެ ބާވަތްތަކުގެ އިތުރުން ލޮނާއި، ކައްކާ ތެޔޮ، މަސްދަޅާއި، ސައިފަތް ފަދަ ޒަރޫރީ ތަކެތި ހިމެނެއެވެ.

މި ޕްރޮގްރާމް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށާއި ދަރުމަވެރިއެއްގެ ހައްސިއްޔަތުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ވެސް ބޭނުންވާ ކަމަށާއި އެގޮތުން ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް 9850133 އަށް ގުޅުމުން ލިބޭނެއެވެ.

މަހަލްދީބު ފައުންޑޭޝަނަކީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އުފެދުނު ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ލާރިގަނޑު ކަށްވާލެވޭތޯބަލަ!