ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި ވެސް އަދި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި ވެސް މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް ފާރިސް އާއި މައުމޫނާއި ނަދީމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ފާރިސް އާއި ކުރީގެ ރައީސް މައުމޫނާއި ނަދީމްގެ ގާނޫނީ ވަކީލުންގެ ޓީމުން އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް ގެ ބަންދަކީ ޣައިރު ގާނޫނީ ބަންދެއް ކަމަށެވެ.

"ފާރިސް ގެ ބަންދަކީ ޣައިރު ގާނޫނީ ބަންދެއް, ފުލުހުން މިއަދު ބޭއްވި ނޫސްވެރިގެން ބައްދަލުވުމުގައި ހައްޔަރުގައި ތިބި މީހުން ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ފާރިސް މައުމޫން ހައްޔަރު ކޮށްފައި ހުރިތާ 120 ގަޑި އިރުވީއިރު ވެސް އެއްވެސް ސުވާލެއް ކޮއްފައި ނުވޭ" މައުމޫން ހަމީދު ވިދާޅުވިއެވެ.

ހައްޔަރު ކޮށްފައިވާ އެއްވެސް މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ 24 ގަޑި އިރު ތެރޭ ހައްޔަރުގައި ތިބި މީހުން ފަޑިޔާރުންގެ ކުރިމައްޗަށް ގެނެވެން ޖެހޭނެ ކަމަށެވެ. ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފުލުހުން ކުރާ ތުހުމަތު ތަކަަށް ފާރިސް އަދި ކުރީގެ ރައީސް މައުމޫން ނަދީމް ވެސް އިންކާރު ކުރާ ކަމަށެވެ.

"ހައްޔަރު ކޮށްފައިވާ އެއްވެސް މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮއްފައެއް ނުވޭ, އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކަމަށް ވެދާނެ" މައުމޫން ހަމީދު ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީ ހުސެއިން ޝަމީމް ވިދާޅުވީ ބަންދުގައި ހުރިތާ 5 ދުވަސް ވީއިރުވެސް ރައީސް މައުމޫން އާއި އެއްވެސް ސުވާލެއް ކޮއްފައެއް ނެތް ކަމަށެވެ.

"ރައީސް މައުމޫން ބަންދުގައި މިހާރު ފަސް ދުވަސް ވީ އަދިއެއްވެސް ސުވާލެއް ނުކުރޭ އެއްވެސް މީހަކަށް ރިޝްވަތު ދީފައެއް ނުވާނެ ކަމަށް ވިދާޅުވި, އަދި އެފަދަ ހެއްކެއް ހުރިނަމަ ދެއްކުމަށް އެދިވަޑައިގެންނެވި" ޝަމީމް ވިދާޅުވިއެވެ.

ނޫސްވެރިނާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ ފުލުހުން ކުރާ ތުހުމަތު ތަކަށް ނަދީމް އިންކާރު ކުރާ ކަމަށެވެ.

ނަދީމުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބަންދުކުރި ބޭފުޅުންނާ ގުޅޭގޮތުން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެބޭފުޅުންނަކީ ކުށްވެރިން ކަމަށް ދެއްކުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށެވެ.