އިސްރާއީލާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މުޒާހަރާގައި ދިވެހި ޤައުމީ ދިދަ ވިހުރުވާލި ޒުވާނަކަށް އިސްރާއީލު ސިފައިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްރާއީލު ސިފައިން ހަމަލާދީފައިވަނީ އަހުމަދު ސަލާހު ނަމަކަށް ކިޔާ ފަލަސްތީނުގެ ޒުވާނަކަށެވެ.

އިސްރާއީލު ސިފައިން އޭނާގެ ފަޔަށް ބަޑިޖަހާފައިވަނީ ދިވެހި ދިދަ ހިފައިގެން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ މިހާރު އަންނަނީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއެއް ހެދުމަށް ތައްޔާރުވަމުންނެވެ.

އިއްޔެ ފަލަސްތީނާއި އިސްރާއިލް ގުޅޭ ބޯޑަރު ސަރަޙައްދުގައި ކުރަމުންދާ މި މުޒާހަރާގެ ބައިވެރީންތަކެއް، މުޒާހަރާތެރެއިން ދިވެހި ދިދަ އުފުއްލާލާފައި ވަނީ ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ތިބި ތިބުމާއިއެކު، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ނިންމުންތަކަށް ރާއްޖެއިން ރައްދުދެމުންދާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

ފަލަސްތީނު މުޒާހަރާ ތެރެއިން ދިވެހި ދިދަ ވިހުރުވާލި މަންޒަރު ފެނިގެން މިދިޔައީ، ސަރުކާރާއި ސަރުކާރު ހިންގާ ޕީޕީއެމްގެ އިތުރުން މަޖިލީސް މެމްބަރުން، ފަލަސްތީނުގެ ކުށެއް ނެތް ޢާންމުންނާއި މެދު އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ކުއްވެރިކޮށް ޝޫޢޫރު ފާޅުކޮށްފައިވަނިކޮށެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޣައްޒާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ 21 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އެ މުޒާހަރާގައި 1500 މީހުން ވަނީ ޒަހަމްވެފައެވެ.

ފަލަސްތީނު ރައްޔިތުން މާރިޗު މަހުގެ 30 ވަނަ ދުވަހު އަޑު އުފުލަން ފެށީ "ބިމުގެ ދުވަސް" ފާހަގަ ކުރުމަށެވެ. ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 30 ވަނަ ދުވަހަކީ ފަލަސްތީނުގެ ބިމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުުރާ ދުވަހެވެ. މި އަހަރަކީ އެ ދުވަސް ފާހަގަ ކުރާތާ 42 އަހަރު ފުރުނު އަހަރެވެ.

މިދިޔަ ހުކުރު ދުވަހުގެ މުޒާހަރާގައި 35000 މީހުން ބައިވެރިވި ކަމަށް އިސްރާއިލް ސިފައިން ވަނީ ބުނެފައެވެ. އަދި އިސްރާއިލް ސިފައިން ބުނިގޮތުގައި އިއްޔެ މުޒާހަރާގައި 50000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މީހާ

    ދިވެހި ސިފައިން ފޮނުވާ އިޒްރޭލަށް!! މިއުޅޭ ޔަހޫދީ ބައިގަނޑު ހޭއަރުވާލަންވާނެ!!!

  2. ނަތަންޔާާހޫ

    ރާއްޖޭގެ ދިދަ ވިހުރުވުމަކީ މާބޮޑު ޝަރަފެއްނޫން ދުނިޔޭގެ މިހާރުގެ މަސްރަހަށްބަލާއިރު! އެކަމަކު ގޯސްކަމެއްވެސްނޫން!

  3. އެއްމެން

    ދިވެހި ދިދަ ހަނގުރާމައިގެ ބިންމަތީގާަ ނަގަކަށް ނުޖެހޭ.

    • Anonymous

      ސަލި

  4. އިބްރާހިމްސް

    ޕީޕީޢެމް އާއި ސަރުކާރުން މަޖިލިސް މެންބަރުން އެކަނި ތާއީދު ކުރަންޏާ މިސަރުކާރުވަރެއް ނެތް. މިސަރުކާރު ނެތިއްޔާ ދިވެހިންނާ ފަލަސްތީނާ ގުޅުމެއް ނޯންނާނެކަން މިއިނގެނީ

  5. ފަޑުއްކަ

    ބޯގަޅިއާ ސަރުކާރުން ކުރާ ތިޒާތުގެ ކަންކަމުން ދިވެހިރާއްޖެ ނުރައްކަލަށް ހުށަހޮޅެމުން ދަނީ، އޮޑީގެ ރިޔާ ބަނޑު ދެމެމުން ދަނީ!

  6. މުހަންމަދު

    ދިވެހި ދިދަ އުފުލަނިކޮށް ޒަހަމްކޮއްލި ޒުވާނާޔަށް އެހީވާން ވަގުތުން ފަންޑް އެއް ހަދައިފި ނަމަ އަޅުގަންޑު 2000 ރުފިޔާ ދޭނަން....