ދޮށީ އުމުރުގެ މީހުންނާއި ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ދޮށީ އުމުރުގެ މީހުންނަށް އެމީހުންގެ ދަރިންނާއި އާއިލާ އިން އަޅާނުލާ މައްސަލަ އާއި ދައުލަތުންދޭ މާލީ އިނާޔަތްތަކުގެ ބޭނުން އެފަރާތްތަކާއި ހަވާލުވެ ތިބޭ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދޮށީ އުމުގެ މީހުންގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް އަޅާނުލާ މައްސަލައާއި އެމީހުންނަށް ލިބޭ މާލީ އިނާޔަތް އެހެން މީހުން ބޭނުން ކުރާ މައްސަލަތައް ހިންގިޔަ ނުދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމް ކުރަން ޖެހިފައިވާ ކަމަށެވެ.

"މިފަދަ މައްސަލަތައް ހިންގިޔަ ނުދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމްކޮށް ދޮށީ އުމުރުގެ މީހުންނަށް އާއިލާ އާއި މުޖުތަމަޢުއިން ދޭންޖެހޭ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއި އިހްތިރާމް އެފަރާތްތަކަށް ދިނުމަށް އިލްތިމާސް ކުރަމެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ ދޮށީ އުމުރުގެ މީހުން ބާކީނުކޮށް ވަޒީފާ އަދާކުރުމާއި، ތައުލީމާއި ތަމްރީން ލިބުގައާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ކުރިމަތިލުމުގައާއި ލޯނު ލިބުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަ ފުރުސަތު ލިބޭނެ އިންތިޒާމް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ދޮށީއުމުރުގެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަރާތްތައް ބަލަހައއްޓާ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް އެފަދަ ކަންކަމުގައި ޝާމިލްވާ މުވައްޒަފުންނަށް އިތުރު ތަމްރީނުތައް ދޭން ޖެހޭ ކަމަށެވެ.

ދޮށީއުމުރުގެ މީހުންގެ ޙައްޤުތަކާއި މެދު މީހުން ހޭލުންތެރިކުރުމަށް ދައުލަތާއި، މަދަނީ ޖަމިއްޔާތަކާއި މީދިއާތަކުން ކުރަމުން ގެންދާ މަސައްކަތް މިހާރަށް ވުރެ އިތުރު ކުރަން ވެސް އެޗްއާރްސީއެމް އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުއާދު

    ދޮށީ މީހުން ލިބޭ ފައިސާ އެމީހުން ނައްނުދީ އެފައިސާ ބޭނުންް ކުރަނީ އެހެން މީހުން .އެމީހުން އަތުން ކާރޑުވެސ ްއޮންނަނީ އަތުލާފަ ކޮންމެވެސް ދަރިއެއް

  2. علي وحيد

    އެޗްއާރުސީއެމް އިން ތިހެން ބުނާކަމަށް ވާނަމަ ހެކިދސއްކާ ޔިކަން ރަށްޔިތުން ނައް ކަށަވަރުކޮށްދޭމްޖެހޭ ނޫންނަމަ ތިއުޅެނީ މުޖުތަމަޢުގައި ފިތުނަފަސާދަ އުފައްދަން އަޅުގަނޑު ވެސް ނުބުނަން އާއިލާއެއްގެ ތެރޭގައި ތިބާވަތުގެ ކަމެއް ނުހނގާނެޔެކޭ ***އެޗްއާރުސީއެމް އަށް ހުށައެޅޭ ގިނަމަށްސަލަތަކަކީ ތިބާވަތުގެ މަށްސަލަތައް ކަމަށް ވާނަމަ ތިކަން ސާބިތު ކޮށްދޭން ޖެހޭނެ