އިއްޔެ ޓީޖެޓީ ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ހަތް މީހުންގެ ތެރޭގައި ދެ ބިދޭސީން ހިމެނޭ ކަމަށާއި އެންމެންގެ ހާލުވެސް މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ.

މިހާދިސާގައި ބޮޑަށް ފިހުނު މީހާ އަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުންގެންދާ ކަމަށާއި އޭނަގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

އައިސީޔޫގައި ފަރުވާދެމުންދާ މީހާގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ ފިހިފައެވެ.

ދެން ތިބި ހަމީހުން ވެސް އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނައިރު އެ ހަމީހުންގެ ހަށިގަނޑުން ފިހިފައި ވަނީ 20 އިންސައްތަ އާއި 30 އިންސަތަ އާއި ދެމެދުގެ މިންވަރެއް ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއްވައެވެ.

އިއްޔެ އަލިފާނުގެ ހާދިސާ ހިނގީ ތެޔޮ ބައުޒަރަކުން ލޯންޗަކަށް ތެޔޮ އަޅަމުން ދަނިކޮށް ބައުޒަރުގެ ހޮޅީގައި އަލިފާން ރޯވެގެންނެވެ.

އަލިފާން ރޯވި ސަރަހައްދުގައި ބައެއް ތެޔޮ ބައުޒަރުތަކާއި، ގިނަ އަދަދެއްގެ އުޅަނދުތައް ހުރި ނަމަވެސް ވަރަށް އަވަހަށް އެސަރަހައްދު ހުސް ކުރެވެނުތީ އަލިފާންގަނޑު މާބޮޑަށް ފެތުރިގެން ނުދިޔައެވެ.

އިއްޔެގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެފްއެސްއެމް އިން ވަނީ ޓީ ޖެޓީގައި ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގފދގ

    ކޮބާ ފަންޑު ފޮށި ؟؟؟ ދުމުގެ އަސަރު ކުރި މީހުނަށް ވުރެ ބޮޑަށް މިމީހުނަށް އަސަރުކޮށްފަ މިއޮތީ... މުޅި ހަށިގަނޑު ފިހި މީހާގެ ދުވަސް ގޮސްފަ... ފައިސާގެ ގޮތުންވެސް މިމީހުނަށް އެހީތެރިވުން ކޮބާ؟ ލިބުނު ގެއްލުން ކޮބާ؟ އެވާހަކަ ދައްކާނެ މީހަކުވެސް ނުވާނެ ތޯއްޗެއް . . .

  2. ސ

    ރައީސް އެމީހުންގެ ހާލުބަލައިލަން ހަސްފަތާލަށް ދިއުމުން އިސްތިގުބާލު ކޮށްލާނެ މީހަކުވެސް ހަސްފާތާލުގައިނެތް ކިހާ ދެރަވަރު ބަންދޭ އިސްތިއުފާ ދީފަ ގެއަށް ދޭ ފަރުހަތު މެން ތިބިއިރު މިހެނެއް ނުވޭ އެއީ ގައުމުގެ ރައީސް އޭނާ އަށް ދެންވާ ގަދަރާ އިއްޒަތް ދޭންވާނެ......