މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަނި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އިން ވިދާޅުވެއްޖެއެވެ.

ޕީޖީއިން ވިދާޅުވީ އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި، ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލަތައް ކަމުގައި ވެސް ޕީޖީއިން ވިދާޅުވިއެވެ. މިދައުވާތައް އަދީބުގެ މައްޗަށް އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަނުން ގުޅިގެން ހިންގި ތަހުގީގަށް ފަހުއެވެ.

އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައި ވާއިރު އަދީބަށް މިހާރު ވެސް ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އަދީބު ހުރީ ގޭބަންދުގައެވެ. އަދީބުގެ މައްޗަށް މިހާރު ޙުކުމް އިއްވާފައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ރާއްޖެއިން ބޭރަށް ފިއްލަވައި ވަޑައިގެންނެވި މައްސަލައިގައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށްވެސް ދައުވާކުރުމަށް ސެޕްޓެމްބަރ ފަހުކޮޅު ޕީޖީއަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށާއި އަދި ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިބި ހުރިހާ ފަރާތްތަކުގެ ލިސްޓެއް އެކުލަވައިލައި އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާކަން އެ ރިޕޯޓުން މިހާތަނަށް ހާމަވާ ކަމަށާއި އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރަށް އަރާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި ޅ.މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އޭނާގެ މައްޗައް ވަނީ 8 އަހަރުގެ ހުކުމް ކޮށްފައެވެ. އެޙުކުމް ހައިކޯޓުން ބާތިލް ކުރުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ތިޔަ މައްސަލާގަ ދައުވާކުރެވޭނީ ކުންފުންޏާ ހަވާލުވެހުރި މިނިސްޓަރަށް އޭރު މިނިސްޓަރަކީ އަދީބު ދެން ދައުވާކުރެވޭނީ އެމްއެމް ޕީއާރސީގެ ފައިސާއާ ބެހޭސެކްސަނުގެ އިސް މުވައްޒަފުންގެތެރޭނެ ގާނޫނީ ޒިންމާ ނަގަންޖެހޭ މުވައްޒަފުންނާ އެކުންފުނީގެ އެމްޑީ އެއީ ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާގެ ތަރަހައިގެތެރެއިން ނަގަންޖެހޭ ގާނޫނީ ޒިންމާ. އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި އެކައުންޓުން އެހެން ފަރާތަކަށް ފައިސާ ދެވިފާ ވިޔަސް އެފަރާތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ ނަގަންޖެހޭނީ ފައިސާ ދިންފަރާތުން އެމީހަކަށް ފައިސާ ދިން ހައިސިއްޔަތު އޮޅުންފިލުވުމަށްފަހު އެއީ ދަވްލަތުގެ ފައިސާއެއްކަމަށް ކަނޑައެޅިއްޖެ ހާލަތެއްގާ އެފައިސާހޯދުމަށް އެކަނި .އެއީރުފިޔާދީފަ ޑޮލަރުގަތް މީހުނާ އެމީހުން ދޭންޖެހޭފައިސާއެއް އަދާކުރުމަށް ދިންފައިސާއާއި މީހަކަށް ދެވޭ އެހީއެއް ގާ ޒިންމާ އުލުލަންޖެހޭނީ ފައިސާ ދިންފަރާތުން އެކަނި ކަމަށް ދެކޭތީ .

  2. ދެބޯ ގެރި

    ހަހަ ހަހަ އަދީބައް އެކަނި ދައުވާކުރީމާ ދެން ތިބި ހުރިހާ ބޮޑުން ސަލާމަތްވިތާ ދޯ... ވަރައްވެސް އިންސާފްވެރި...

  3. ޓުކުރި

    ދޮގުހަދާޕީޖީ ބޭރުކުރޭ.