ރައްޔިތުންގެ މަޖިލީސް އެއްމަހުގެ ޗުއްޓީއަކަށް ފަހު، މިއަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީސް ބުރާސްފަތި ދުވަހު ފަށަން ނިންމާފައިވި ކަމުގައި ވިއަސް އެދުވަހުގެ އެޖެންޑާ އަދި ކަނޑައަޅާފައެއް ނުވެއެވެ.

މަޖިލިސް މެމްބަރުން ދެވަނަ ދައުރު ނިންމާފައި ޗުއްޓީ އަށް ވަޑައިގެންފައިވަނީ މިދިޔަ ސެޕެޓެމްބަރު 5 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް ދެވަނަ ދައުރު ނިމެން އޮންނަނީ އޮގަސްޓް މަހުގައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް ދައުރުން ބޭރުގައި މަޖިލިސް ބައެއް ކޮމިޓީތަކުން ވަނީ ބުރަކަށް މަސައްކަތް ކޮށްފައެވެ. އަދި މަޖްލިސް މެމްބަރުން ވަނީ ދައުރުން ބޭރުން 3 ޖަލްސާ އެއްވެސް ބާއްވާފައެވެ. އެއީ ސަރުކާރުން ޓެރަރިޒަމްގެ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަވަސް ކުރުމަށްޓަކައެވެ. އެ ބިލް މިހާރު ވަނީ ފާސްކޮށްފައެވެ.

ބުރާސްފަތި ދުވަހު ފަށާ މަޖިލީހުގެ ތިން ވަނަ ދައުރުގައި އޮންނާނީ ލާމަރުކަޒީ ގާނޫނާއި، ބޯހިޔާވަހިކަމުގެ ގާނޫނަށް ބަހުސް ކުރުން ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުންވަނީ 31 ބިލް ހުށަހަޅައި 14 ބިލެއްގެ މަސައްކަތް ނިންމައިފައެވެ. އަދި 21 ޤަރާރެއް ހުށަހަޅައި 9 ޤަރާރެއް ނިންމައިފައެވެ.

މީގެ އިތުރުން

  • ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށައެޅުއްވައި، 12 މައްސަލަ ނިންމާފައި
  • ރިޔާސަތުން ހުށައެޅުއްވި 22 މައްސަލައެއްގެ ތެރެއިން 17 މައްސަލަ ނިމިފައި
  • މެންބަރުން ހުށަހެޅުއްވި 9 މައްސަލައެއް ނިންމައިފައި
  • އެހެނިހެން ރިޕޯޓްގެ ގޮތުގައި 39 ރިޕޯޓް ހުށަހަޅައި 34 ރިޕޯޓް ނިންމައިފައި
  • ނުނިމި 5 ރިޕޯޓް ވަޒީރުންނާއި 20 ސުވާލުކުރުމަށް ހުށަހަޅައި، 14 ސުވާލެއް ކޮށް ނިންމާފައި

މަޖިލީހުގެ ނިމިދިޔަ ދައުރުގެ މަސައްކަތާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދައުރުގައި މަޖިލީހުން ކުރެވިފައިވާ މަސައްކަތާއި ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.