ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ފޮނުއްވި ޚާއްސަ ސިޓީފުޅަކާއެކު އެމަނިކުފާނުގެ މަންދޫބެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ މުސްތަޝާރު ޑރ. މަހުމޫދު އަލް ހަބަޝް މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

އެމަނިކުފާނަށް ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޑރ. އަލް ހަބަޝް ރާއްޖެ ވަޑައިގަތީ ފަލަސްތީނުގެ ރައީސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅަކާއެކުގައި ކަމަށެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހް ވިދާޅުވީ 1967 ވަނަ އަހަރު ފަލަސްތީން އޮތް އިމުގެ ތެރޭގައި ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް ރާއްޖެ އިން ތާއިދު ކުރާނެ ކަމަށެވެ.

ރައީސް ވަނީ އިސްރާއީލް ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިވެސް ކުރައްވާފައެވެ.