ވެރިކަމުން ފޭބިއިރު މާލޭގެ ފެންހިންދާ ޕަންޕުތައް ހުރީ ހަމަކޮށް، ރަނގަޅަށް ކަމަށް ކުރީގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރު މުއިއްޒު މުހައްމަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވީ ޕީޕީއެމް ކޯލިޝަނުން މިހަފްތާ ބަންދުގައި ތުލުސްދޫ ދާއިރާގެ ބައެއް ރަށްރަށަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރާ ބެހޭގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނުވާތީ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވަމުންދާ ބޭފުޅަކީ މުއިއްޒު ކަމަށާއި އެކަމާއި ގުޅެގޮތުން ކުރެއްވި މަސައްކަތަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އޭނާ ބިނާކުރަނިވި ފާޑުކިޔުން ބަލައިގަންނަ ކަމަށެވެ.
"ރައީސް ޔާމީން ސަރުކާރުން އެކަމަށް ހައްލެއް ގެނައީ. އަޅުގަނޑުމެންގެ ޑިޒައިންޑް ޓާގެޓަކީ ބޯކޮށް ވާރޭ ވެހިގެން ވިއްސާރަ ހުއްޓާލާތާ ވަގުތުން ފެށިގެން 3 ގަޑި އިރު ތެރޭގައި ފެން ހިންދުން. އެކަން ހާސިލްވި." މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން 2018 ނޮވެމްބަރު 12 ވަނަ ދުވަހު އެންމެ ފަހުން ޗެކް ކުރިއިރު ހުރިހާ އެއްޗެއް ހުރީ ވޯކިން ކޮންޑިޝަނުގައި. އެހެންވީމާ ވެރިކަން ބަދަލުވިއިރު ހުރިހާ ޕަންޕެއް ހުންނާނީ ރަނގަޅަށް. ވެރިކަން ބަދަލުވެގެން ވާރޭ ނުވެހި ދުވަސްކޮޅެއް ވި. ޑިސެމްބަރު މަހު ވިއްސާރަ ވީމަ މާލޭގެ މޭޔަރު ޓުވީޓު ކުރީ. ކޮން ތަނަކުތޯ ޕަންޕު ހުރީ، ޕަންޕުގެ ސްވިޗު ޖައްސަނީ ކާކުތޯ. އެހެންނޫންތޯ ވާނީ ގުޅާނެ މީހެއްވެސް ނޭގެންޔާ ޓުވީޓުތާ ކުރާނީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ތިން ދުވަހު ހިނދޭ ފެންގަނޑު ތިން ގަޑިއިރުން ހިންދުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.
އަދި މި ސަރުކާރުންވެސް އަބަދު ކުރީ ސަރުކާރޭ ނުކިޔައި ކޮންމެވެސް އާ ކަމެއް ކުރަން އުޅުމަށް މުއިއްޒު ގޮވާލިއެވެ.
ތީ ދޮގެއް ގިނަ ޕަންޕުތައް މަސައްކަތް ނުކުރޭ