ހދ. ކުރިނބީ އަދި ރ. އަނގޮޅިތީމުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ފެނާއި ނަރުދަމާ ގާއިމް ކުރަން ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ ރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރަން ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ވޯޓާ އިންޖިނިއަރިންގ ސާވިސަސް އެފްޒެޑްއީ އާއެވެ.

މި މަޝްރޫއުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރު ހިވާޖް މަހިންދުރަ މަދޫސަންކާ ކަރުނަ ރަތުނޭއެވެ.

ކުރިނބީ އަދި އަނގޮޅިތީމުގެ ފެނާއި ނަރުދަމާ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 685 ދުވަހުގެ މުއްދަތެކެވެ. އަނގޮޅިތީމު މަޝްރޫއުގެ އަގަކީ 19 މިލިއަން ރުފިޔާއެވެ. އަދި ކުރިނބީ މަޝްރޫއުގެ އަގަކީ ވެސް ހަމަ 19 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން އެ ދެ ރަށުގައިވެސް ފެނާ ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާގެ ވިއުގަ އެޅުމުގެ އިތުރުން، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމް ކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެއްކްޝަން ގުޅައިދިނުން މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.