ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ޖަލަށްލާ ވާހަކަ ދައްކަވާއިރު، އެއިން ބޭފުޅަކަށް އެއް ދުވަހު ވެސް ޖަލުގައި ކެތްކޮށްނުލެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގަތުމުން ޖަލަށްދާން, ގައިދީއެއްގެ ޓިކެޓް ދީފައި ޖަލަށް ފޮނުވާލާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހިމް ފަލާހު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ހިނި އައިސްފައި ތިބެ ވާހަކަ ދައްކަނީ، ޖަލަކީ ކިހާ ވަރެއްގެ ތަނެއްކަން އިހްސާސް ނުކުރެވޭތީ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، އެންމެ ދުވަހެއް ވެސް އާއިލާއާ ދުރުގައި ޖަލުގައި ހޭދަކުރުމަކީ ކިހާވަރެއްގެ ހިތްދަތި އަނިޔާއެއްކަން ނުވިސްނޭނެ ކަމަށެވެ. އަދި މިބޭބޭފުޅުންނަށް އެންމެ ދުވަހަކު ވެސް ޖަލުގައި ކެއްކޮށް ލެވޭނެތޯ އެއީ ބޮޑު ސުވާލެއް ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ފަލާހްގެ ވާހަކަތަކަސް މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ވެސް ވަނީ ރައްދު ދެއްވާފައެވެ. ނަޒްރާ ކުރެއްވި ޓްވީޓެއްައި ވިދާޅުވީ މުޅި އުމުރު ޖަލުގައި އޮންނަންޖެހުނު ނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އިސްލާހީ މަަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާނެކަމުގެ ޔަގީންކަން މަހްލޫފްގެ ފަރާތުން އަރުވާކަމަށެވެ.

ނަޒުރާ ވިދާޅުވީ "ޑެސްޕަރޭޓް" ވެގެން މެންބަރު ފަލާހުއަށް މަހުލޫފް މެސެޖްކޮށްގެން ޔާމީނާއިއެކު މަސައްކަތް ކުރަން ބޭނުންވާހަކަ ދެއްކީމަ އަންނަނީ ހިނިކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިވަޑައިގެން އެތަނުގައި ތިބި މީހުންނަށް މާސްކް ބެއްސެވުމަށްފަހު ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.

އިތުރު މައްސަލައެއްގައި މަހުލޫފު މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ. މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އާންމުންގެ ބަޔަކާއިއެކު މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރި މައްސަލާގައެވެ.

މި މައްސަލައާއި ގުޅިގެން މަހުލޫފް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، މަހުލޫފް ޖަލުގެ ތެރެއަށް ވަދެފައިވާ ކަމަށްވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މަހުލޫފް ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ.

މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމާއި ގުޅިގެން މަހުލޫފް ވިދާޅުވީ އެފަދަ އަމަލެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތްތާގައިވެސް އެފަދަ އަމަލެއް ނުކުރައްވާނެ ކަމަށެވެ. މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އިތުރު ތިން ދައުވާއެއްވެސް މަހުލޫފްގެ މައްޗަށް ވަނީ އުފުލާފައެވެ.