މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ "އާބިޓްރޭޝަން ރޫލްސް" މުރާޖާޢާކޮށް ބޯޑު މެމްބަރުންނަށް ލަފާދިނުމަށް 10 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާދޭ ކޮމިޓީއަށް އައްޔަން ކުރެވޭ މެންބަރެއްގެ ޝަރުތަކީ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން 10 އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު އާބިޓްރޭޝަން ދާއިރާގައި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު 3010199 ނުވަތަ [email protected] އީމެއިލް އިން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އާބިޓްރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަކީ 2013 ވަނަ އަހަރު ފާސްކުރި އާބިޓްރޭޝަނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސެންޓަރެކެވެ.

އާބިޓްރޭޝަން ޤާނޫނަކީ ޤާނޫނު ޤަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭޝަނުގެ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޙައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

ރާއްޖޭގައި އެކަށީގެންވާ އާބިޓްރޭޝަން ގާނޫނީ އޮނިގަނޑެއް ނެތުމުން ދިވެހި ސަރުކާރާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބައިނަލްއަޤުވާމީ ފަރާތްތަކާއި އެކު އެކުލަވާލާ އެއްބަސްވުންތައް ރަޖިސްޓްރީ ކުރަނީ ބޭރުގެ ގައުމުތަކުގެ އާބިޓްރޭޝަން ސެންޓަރުތަކުގައެވެ.