ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއް ރަސްފަންނު ކައިރީގައި ރޭ ހިނގި މާރާމާރީގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެ އަންހެން ކުއްޖަކު ވެގެން ވަނީ އިތުރު އަންހެން ކުއްޖެއްގެ ގައިގަ ތަޅައިގަނެ ބިންމައްޗަށް އެކުއްޖާ ވައްޓާލަފައެވެ.

ދެ އަންހެން ކުދިން ވެގެން އަންހެން ކުއްޖާ ވައްޓާލާ، އޭނާ ގައިގަ ތަޅަން ފެށުމުން އެތަނުގައި ތިބި ޒުވާން ފިރިހެނުންތަކެއް ވަނީ އެމީހުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. އެމީހުން ގޮސް ތަޅަމުން ދިޔަ ކުދިން ކައިރީގައި "ހަމަޖައްސާލާށޭ" ބުނެ އެމީހުން ދުރުކުރިއެވެ.

ނަމަވެސް ފިރިހެނުންތައް ގޮސް އަންހެން ކުދިން ދުރުކުރަން އުޅުނު ވަގުތު ވެސް ވެއްޓިފައި އޮތް ކުއްޖާގެ ގައިގައި އެއް އަންހެން ކުއްޖަކު ފައިން ޖަހާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ފުލުހުން ވިދާޅުވީ އަންހެންކުދިން ތަކެއްގެ ދެމެދުގައި ހިންގި މާރާމާރިއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ހުށަހެޅީ އަނިޔާ ލިބުނު އަންހެން ކުއްޖާގެ އާއިލާ އިންނެވެ.

"ރަސްފަންނު ސަރަހައްދުގަ ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ." ފުލުހުން ވިދާޅުވިއެވެ.

މާރާމާރީގެ ވީޑިއޯ އާއްމުވުމާއި އެކު ވަރަށް ގިނަ ބަޔަކު އަންނަނީ ކުދިންގެ އަޙްލާޤީ ފެންވަރު ހުރި މިންވަރާއި މެދު ސުވާލުކޮށް މީސް މީޑިއާގައި އެކަމުގެ ބަހުސްތައް ކުރަމުންނެވެ.